ރާއްޖެ ވާންވީ ޖަޒީރާއަކަށް ނޫން، ނިއު ޔޯކާއި ސިންގަޕޫރަށް: ޖާބިރު

ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެ އަށް ނޫން ކަމަށާއި މި ގައުމު ބަދަލުވާންވީ އެމެރިކާގެ ނިއު ޔޯކާއި ވޮޝިންޓަނާއި ސިންގަޕޫރަށް ކަމަށް ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.


ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރާއްޖެ އަށް ކުރިއެރުން ނުލިބެނީ ޕްލޭނެއް އަދި ވިސްނުމެއް ނެތި މަސައްކަތް ކުރާތީ ކަމަށެވެ.

ޖާބިރު ވިދާޅުވީ ޖަޒީރާ ރާއްޖެ ކިޔަނީ ރާއްޖެ 300 އަހަރު ފަހަތަށް ދިއުމަށް ކަމަށެވެ. އަދި ރައްޔިތުން އެތައް އަހަރެއް ފަހަތަށް ދާން ބޭނުން ނުވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ރާއްޖެއަކީ ޖަޒީރާ ރާއްޖެ އެއް ނޫން ކަމަށާއި އެއީ "ދިވެހިރާއްޖެ" ކަމަށް ވެސް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"ރާއްޖެ ބަދަލުވާންވީ ނިއުޔޯކަށް، ވޮޝިންޓަނަށް، ސިންގަޕޫރަށް. ޖަޒީރާ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުން ޖަޒީރާވަންތަކަމެއް ދެން ބޭނުމެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ދިވެހިން އުފަންވެފައި ވަނީ ޖަޒީރާ ރަށްތަކަށެވެ. ސިޔާސީ ބޭނުމަށް ޖަޒީރާ ރާއްޖެ ޕްރޮމޯޓް ކުރުމަކުން އަދި ނުފުދޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އަރަނީ ކީއްވެހޭ ރައްޔިތުން ބިކަހާލުގައި، ފަގީރު ހާލުގައި ތިބެން ޖެހެނީ ތާ އުމުރު. އަޅުގަނޑު ހިތަށް އަރަނީ އެކަންކަން ބަދަލު ކުރަން އެބަޖެހެއޭ،" ޖާބިރު ވިދާޅުވި އެވެ.

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޑީއާރުޕީގެ ލީޑަރު ކަން ކުރައްވާ ޖާބިރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކޮށް ރާއްޖެ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މިކުރާ މަސައްކަތަކީ އެކިއެކި ވާހަކަތައް ދައްކައިގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުން. ސިޔާސީ ބޭނުމަކަށް ކުރާ ކަންތައްތަކުގެ ސަބަބުން ތަރައްގީ ނުވަނީ. އެކަންކަން ހުއްޓާލަން ޖެހޭ. އެ މީހަކު ހުރި ތަނަކުން އެ މީހަކު ބޭނުންވާ ކަންތައްތައް ފުދިގެން ދާން އެބަ ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

"ޖަޒީރާއޭ، އެތަނެއްގައި ތިބެގެން މަރުވާންވީ އޭ ކިއާފައި ގަބުރުސްތާނެއް ނެތް ތަނެއްގައި، ހޮސްޕިޓަލެއް ވެސް ނެތް ތަނެއްގައި މީހުން ބޭތިއްބުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެއް."