ކްރިކެޓް ކޯޗު ހައްޔަރުކުރަން އަމުރު ނުދިން މައްސަލަ އިސްތިއުނާފްކޮށްފި

ގިނަ ބަޔަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓައި ދޫވި ކްރިކެޓް ކޯޗު، އާސިފް ޚާން އަލުން ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އިއްޔެ އެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 46 އަހަރުގެ ފިރިހެންމީހާ ދޫވީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ ޖިންސީ ގޯނާކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި ސައުތު އެފްރިކާ މީހާ ބަންދުން ދޫވީ ތަހުގީގު ކުރާ ފުލުސް އޮފިސަރަށް ގަޑި އޮޅުމުން ކަމަށެވެ. އާއްމުކޮށް މީހުން ކޯޓަށް ގެންދާ ގަޑިއަކީ މެންދުރު 2 ޖަހާއިރު ކަމަށް ވާތީ ކޯޗު ވެސް ކޯޓަށް ގެންދިޔައީ އެ ގަޑި އަށް ކަމަށް ވިދާޅުވި އެވެ.

"އޭނަ [ކޯޗު] ކޯޓަށް ގެންދިއުން ލަސްވެފައި ވަނީ 25 މިނިޓް،" އޮފިޝަލް ވިދާޅުވި އެވެ.

އެހެންވެ ކޯޓުން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނުދިނެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރު ކުރަން ޖެހެ އެވެ.

ބަންދުގެ އަމުރު ނުދިނުމާ އެކު އެ މައްސަލަ އިސްތިއުނާފްކުރަން ޖެހިގެން އައި ދުވަހު ޕީޖީ އޮފީހަށް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ. ބަންދުގެ އަމުރު އިސްތިއުނާފްކުރަން އޮންނަނީ ބަންދު ދުވަސްތައް ނުހިމަނައި 48 ގަޑިއިރެވެ.

ފުލުހުން ބުނިގޮތުގައި ކޯޗު ދޫވި މައްސަލައިގައި، އިތުރަށް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ބަންދުގެ މުއްދަތަށް ކޯޗު ގެންދިއުމުގައި ފަރުވާކުޑަވި ފުލުސް މީހާގެ މައްސަލަ ވަނީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ފޮނުވައިފަ އެވެ.

ޒުވާން ކުޅުންތެރިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރާ އާސިފް ޚާން ހައްޔަރުކުރީ ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓައި މިހާރު ވަނީ ފުރުން މަނާކޮށްފަ އެވެ.