މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށް، މަޖިލީހުގެ 16 މެމްބަރަކަށް، އަށް ފަނޑިޔާރުންނަށް ހިޔާނާތުގެ ފައިސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އާ ރައީސް މަރިޔަމް ޝިއުނާ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ބޭއްވެވި ޕްރެސް ބްރީފިންގަައި ބުނިގޮތުގައި، މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކަށާއި ސަލާމަތީ ޚިދުމަތްތަކުގެ 23 މީހަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައި ވެ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނީ 177 މީހަކަށް ކަމަށް ކުރިން ބުނި ނަމަވެސް އެ އަދަދު 267 އަށް އިތުރު ވެފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކަށާއި އެ ޕްރައިމަރީތައް ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ކެމްޕެއިނަށް ވެސް ހިޔާނާތުގެ ފައިސާ ޚަރަދު ކޮށްފައި ވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރުމަށާއި އެކިއެކި ވޯޓުތަކަށް ވެސް އެ ފައިސާ ޚަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވި ގޮތުގައި ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން ތަހުގީގު ހިންގާތީ، މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓު އާއްކުރުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅެ އެވެ. އޭގެ ތެރޭގައި ތިބި ބައެއް ފަރާތްތަކާ ތަހުގީގަށް މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގުގައި ސުވާލުކުރުން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މި ސަރުކާރުގެ އިސްވެރިންގެ ތަހުގީގުތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.