ބިރު ދެއްކިޔަސް، އެމްޑީއެންއާ ދެކޮޅު މަސައްކަތަށް ހުއްޓުމެއް ނެތް: އިދިކޮޅު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހިމެނި މައްސަލާގައި އެ ޖަމްއިއްޔާ އުވާލަން އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތާ ގުޅިގެން ބިރު ދެއްކިޔަސް، އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެ، އެ ޖަމްއިއްޔާ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލަން އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތާ ހެދި އެކިއެކި ފިއްތުންތަކާއި ބިރު ދެއްކުންތައް ކުރިމަތި ކުރަމުންދާ ކަމަށާއި އެކަމަށް އެ ކޯލިޝަނުން ޖެހިިލުން ނުވާނެ ކަމަށެވެ. އަދި ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ޖަމްއިއްޔާ އުވާލަން އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަން ސަރުކާރުން ދަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިތަންމެ ބިރެއް ދެއްކިޔަސް، އަޅުގަނޑުމެންނަށް ކިތަންމެ ފުރައްސާރައެއް ކުރިޔަސް، އަޅުގަނޑުމެންގެ މި ސާބިތު ކަމަކަށް ބަދަލެއް ނާންނާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަން ޔަގީން ކުރައްވަން އަޅުގަނޑު މިއަދު ވެސް މި އެދެނީ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއަކީ ސިޔާސީ ޕާޓީތައް ކަމަށް ވިޔަސް، އެމްޑީއެންގެ މައްސަލާގައި މިހާރު އިދިކޮޅު ކޯލިޝަނުން ކުރަމުންދަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެމްޑީއެންއާ ދެކޮޅަށް އެމްޑީޕީން އެއްވެސް ބަހެއް ނުބުނާ ކަން ފާހަގަ ކުރައްވައި، ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ޕާޓީއެއްގެ ވެސް އެންމެ އިސް މަގްސަދަކަށް ވާން ޖެހޭނީ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށެވެ.

"ސިޔާސީ ކަންކަން އަޅުގަނޑުމެންނަށް މި އަންނަނީ ތަންކޮޅެއް ފަހުން. އަޅުގަނޑުމެންނަށް ފުރަތަމަ މި އަންނަނީ ދީނީ ކަންކަން. އެހެންވީމަ ސިޔާސީ ކަންކަމުގައި ދީނީ ވާހަކަ ނުދައްކާށޭ، ދީނަށް ފުރައްސާރަ ކުރާއިރު ވެސް އެއްޗެއް ނުބުނާށޭ، ރަސޫލާއަށް ފުރައްސާރަ ކުރާއިރު ވެސް އެއްޗެއް ނުބުނާށޭ ބުނާ މީހުންގެ އިޚްލާސްތެރިކަމާ މެދު އަޅުގަނޑުމެން ސުވާލު އުފައްދަން." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެންއާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގަމުން ދިޔަޔަސް، އެކަމުގައި ތަހުގީގެއް ހިންގަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ދީނީ އިލްމުވެރިންގެ ބަސް އޮތީ ފެންނަން ކަމަށެވެ. އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ އެމްޑީއެންގެ ކުރީގެ މެމްބަރެއް ކަމަށް ވާތީ ހަމީދު ހުންނަވައިގެން ފުލުހުން ހިންގާ އެއްވެސް ތަހުގީގަކުން އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ އެއްވުމެއް މާދަމާ ރޭ ވެސް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އޮންނާނެ އެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ ވެސް އިދިކޮޅު ކޯލިޝަނުން ކާނިވަލުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.