ހުޅު ރޯވިޔަ ނުދޭނަން، އެމްޑީއެން އުވާލާ: އިޔާޒު

ދީނީ އިލްމުވެރިންގެ ފަރާތުން ސިޔާސީގޮތުން އެއްވެސް ހުޅެއް ރޯވިޔަ ނުދެއްވާނެ ކަމަށާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފި އެވެ.


މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަސޭހަތްތެރިވެވަޑައިގެންނެވި އެއް ބަޔަކީ ދީނީ އިލްމުވެރިންނެވެ. އިލްމުވެރިންނަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީ، ކަންކަން އޮޅުންފިލުވައިދީގެން މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި އިލްމުވެރިން ރާއްޖޭގައި އެބަތިބި ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު އެގޮތަށް އައީ އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މީހުންގެ މައިގަނޑު ގޮވާލުމަކީ އެމްޑީއެން އުވާލައި އެ ޖަމާއަތުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމެވެ.

އިޔާޒު ރޭ ކުރެއްވި ޓުވީޓެއް.

ރައީސް ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ. އެކަމަކު، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމަށް ދީނީ އިލްމުވެރިންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި، ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީއެން އުވާލުމަށް ގޮވާލައްވާ ދީނީ އިލްމުވެރިންގެ ތެރޭގައި އިސްކޮށް ހިމެނިވަޑައިގަންނަވާ އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނީ އިލްމުވެރިންގެ ފަރާތުން އެއްވެސް ކަހަލަ ހުޅެއް ރޯވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ދީނީ އިލްމުވެރިން މަސައްކަތް ކުރައްވާނީ ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަނބިކަނބަލުން ފަޒްނާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު /މިހާރު

"ގައުމުގެ ހަމަޖެހުމަށްޓަކައި ލަސް ނުކުރައްވާ އެމްޑީއެން އާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާ. އޭރުން އެއްވެސް ބަޔަކަށް ސިޔާސީ ހުޅު ރޮއެއް ނުކުރެވޭނެ،" އިޔާޒްގެ އެހެން ޓުވީޓެއްގައިވެ އެވެ.

އިޔާޒް ކުރެއްވި ޓުވީޓު.

އެމްޑީއެން އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް، އިޔާޒް ވިދާޅުވީ ގާނޫނާ ހިލާފުވެފައިވާ އެ ޖަމިއްޔާގެ ދަށުގައި ތާށިވެ ވަޑައިގެން ހުންނަވައި ދީނީ އިލްމުވެރިންނަށް އިލްތިމާސް ފޮނުއްވިޔަކަސް، މަނިކުފާނު [ރައީސް] ގެ ޒިންމާ އިން ރެކެވަޑައިގެންނެވުނީ ނޫން ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައިވާ ގޮތަށް ކަންތައް ކުރެއްވުމަށް އިޔާޒް އެދިވަޑައިގެންނެވި އެވެ.

"މި ރާއްޖޭގެ އެންމެ އިސްވެރިޔާ އަށް ދީނީ އިލްމުވެރިން އަދާކުރަމުންދާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެން ކަމީ ހިތާމަ ހުރި ކަމެއް. އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ދީނީ އިލްމުވެރިންގެ ކިބައިން ނާޖައިޒު ފައިދާ ނެގުމަށް ފުރުސަތު ދެވިފައެއް ނުވާނެ. ނުވެސް ދޭނަން،" އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ކުރެއްވި ޓުވީޓެއް.

އިޔާޒް ވިދާޅުވި ގޮތުގައި ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބުރަވެފައި ތިބީމަ އެވެ. އަދި އެކަން އެގޮތަށް ވެދާނެ ކަން ދީނީ އިލްމުވެރިންގެ ފަރާތުން ރައީސަށް ދެންނެވި ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ ބަޔަކު މީހުން އިސްލާމް ދީނުގެ ނަމުގައި ނުރަނގަޅު ކަންތައްތަކެއް ކުރަން ގޮވި ނަމަވެސް، އެއީ އިސްލާމް ދީނާއި ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނަކީ ހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭ ދީން ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

"ފިތުނަ ފަސާދަ އުފެދެން ދިމާވަނީ އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފުވީމަ. ވީމާ އެކަން ނުކުރުމަށް ގޮވާ ނުލައްވަންވީ ކީއްވެތޯ؟" އެމްޑީއެންއާ ދެކޮޅަށް ކުރި އެހެން ޓުވީޓެއްގައި އިޔާޒް ވިދާޅުވި އެވެ.

އަހުމަދު ސަމީރު ކުރެއްވި ޓުވީޓު.

އިލްމުވެރިޔާ އަހުމަދު ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާދީނީ އެމްޑީއެން ފިކުރު އުވާލުމަކުން އަދި ނުފުދޭނެ ކަމަށާއި އެމްޑީއެންގެ ފިކުރު ވެސް އުވާލެވެން ޖެހޭނެ ކަމަށެވެ.