އެމްޑީއެން އަށް ފިޔަވަޅު އަޅަން 100 އަށް ވުރެ ގިނަ ކައުންސިލުން ގޮވާލައިފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި 100 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެފި އެވެ. އަދި އެމްޑީއެންއާ ދެކޮޅަށް ކޮންމެ ހަފުތާ ބަންދެއްގައި އެކި ރަށްރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެކަމަކު، މީގެ ތެރޭގައި ތިން ސިޓީ ކައުންސިލް ނުހިމެނެ އެވެ.


އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުން މި މައްސަލައިގައި ތިއްބެވީ ހިމޭނުންނެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހިމެނޭ ގޮތުން މިހާތަނަށް ވަނީ 121 ކައުންސިލަކުން ބަޔާން ނެރެފަ އެވެ. މީގެ ތެރޭގައި، ވެރިކަން ކުރާ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ ގިނަ ކައުންސިލްތައް ވެސް ހިމެނެ އެވެ. ރާއްޖޭގެ ކައުންސިލްތަކުގެ ޖުމްލަ އަދަދަކީ 200 އެވެ.

ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓެއް އާއްމުކުރުމުން، ހަމައެކަނި ޖަމިއްޔާއެއް ސަސްޕެންޑް ކުރުމަކީ ފިޔަވަޅެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެ ރިޕޯޓް ލިޔެ އާއްމު ކުރި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި، ޖަމިއްޔާ ވެސް އުވާލަން ބަޔާންތަކުގައި ގޮވާލާފައިވެ އެވެ.

ގއ. ދާންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޑީއެން އިން އާއްމުކުރި ބަޔާނަކީ އިސްލާމްދީނާއި ގާނޫނުއަސާސީ އާއި ކަމާގުޅުން ހުރި އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފަށް އިސްލާމްދީނުގެ އިމުން ބޭރު ފިކުރީ ހިޔާލުފާޅުކުރުންތައް ހިމަނައިގެން ނެރެފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓް ދާންދޫގެ ރައްޔިތުންނާއި ކައުންސިލުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"އިސްލާމްދީނަށް ޣައިރު މުސްލިމުންގެ ލާދީީނީ ފިކުރު ވައްދައި މި ރާއްޖޭގެ ރައްޔިތުން ބައިބައިކޮށްލުމަށް އަދި ބޭރުގެ ޣައިރު މުސްލިމުންގެ ކުރިމަތީގައި ދިވެހިން އެހެން ގޮތަކަށް އަނބުރާލެވިއްޖެ ކަމަށް ދައްކަން އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓް ލިއުނު މީހުންނާއި އަދި އެކަމަށް ވާގިވެރި މީހުން އެކުރި ހަޑި މުޑުދާރު އަގެއް ނެތް މަސައްކަތަކީ މި ރާއްޖޭގެ އެންމެހާ ލޮބުވެތި މުސްލިމުންގެ އިސްލާމީ ނަމާއި ވަހުދަތު ޚަރާބު ކޮށްލަން ދުރާލާ ރޭވިގެން ކުރި އަދި ކުރަމުން އައި ކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ށ. ކަނޑިތީމު ކައުންސިލްގެ ބަޔާނުގައި، އެމްޑީއެންގެ ރިޕޯޓު ސިފަކޮށްފައި ވަނީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އެވެ. އެ ބަޔާނުގައި އެދިފައި ވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، އެމްޑީއެން އުވާލަ ދިނުމަށެވެ.

ހއ. ހޯރަފުށީ ކައުންސިލްގެ ބަޔާނުގައި ވެސް ގޮވާލާފައި ވަނީ އެމްޑީއެން ވަގުތުން އުވާލުމަށެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އިސްލާމްދީނަށް އިހްތިރާމް ކުޑަކޮށް ރިޕޯޓް ނެރުނު މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ. ރިޕޯޓް ލިއުނު މީހުން އެ ތަހުގީގަށް ހާޒިރުކޮށް ސުވާލު ނުކުރެވިގެން އުޅެނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭތީ އެވެ. އެކަމަކު، ފިޔަވަޅު އެޅުން ލަސްވެ، ސަރުކާރު ފަހަތު ފަޔަށް ބުރަ ވެފައިވާ ކަމަށް ބުނެ ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމްޑީއެންގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް، ދެ ހަފުތާ ތެރޭގައި ތަހުގީގަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ. ފުލުހުންގެ ތަހުގީގުގައި، މުޅި ރިޕޯޓް އިލްމުވެރިންތަކެއް ލައްވައި ދިރާސާކުރަމުން އަންނަ ކަން ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓް ނެރުނީ ކުރީގެ ސަރުކާރުގަ އެވެ. އޭރު ފިޔަވަޅު ނާޅައި ތިބެ، މިހާރު އަޑުއުފުލަމުން ދަނީ ސިޔާސީ ފައިދާ އަށް ކަަމަށް ވެސް ދެކެ އެވެ.