އަދުލުވެރި ޝަރީއަތެއް ކުރާ ނަމަ، އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން

އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ކޮށްފި ނަމަ، އެމަނިކުފާނުގެ ގައިގައި "އަތްލެވޭނެ ގޮތެއް" ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ހަމަޖެހިފައި ވަނިކޮށް، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ އެކު، ހުކުމް އިއްވުން ވަނީ ފަސްކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ފަހުން ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި އިދިކޮޅު ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރަން އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވަނީ، އަދުލުވެރި ހުކުމެއް ކުރާ ކަމަށް ވާ ނަމަ، އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ނާންނާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. އެހެންވެ، އެ ޝަރީއަތާ މެދު އެއްވެސް ދިވެއްސަކު ކަންބޮޑު ނުވުމަށް ޔާމީން އެދިވަޑައިގަތެވެ.

ޑީއާރުޕީގެ ކުރީގެ ލީޑަރު ނަޝީދު، ޕީޕީއެމަށް ސޮއިކުރެއްވި ފޯމް، ޔާމީންއާ މިރޭ ހަވާލު ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކަންބޮޑު ނުވާން އަޅުގަނޑު މި ބުނަނީ އެއީ އަޅުގަނޑު އެކަމާ ކަންބޮޑު ނުވާތީ. އަޅުގަނޑު ކަންބޮޑު ނުވާ ވާހަކަ މި ދަންނަވަނީ އަޅުގަނޑަށް އެނގޭ އަޅުގަނޑު [ދައުލަތުގެ] ބައިތުލްމާލްގެ އެންމެ ލާރި ފޮއްޗެއްގައި ވެސް ޖެހިފައި ނޯންނާނެކަން،" ޕީޕީއެމްގެ ރައީސަކަށް ވެސް ހުންނެވި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ދައުލަތުގެ ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިގަންނަވާކަށް ނުޖެހެ އެވެ. އެއީ ނަފްސުގެ މުއްސަނދިކަން އެ އަށް ވުރެ މާ ތަނަވަސް ވުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އަތުގައި އޭރު ވެސް ހުރި ފައިސާ އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ވާނެ. އެހެންވީމާ މިވަރުގެ ގިލަންވެރި ކަމެއްގެ ތެރޭގައި އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރުވަން އަޅުގަނޑު މި ދަންތުރަ ޖައްސާކަށް ބޭނުމެއް ނުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔާމީން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އުޅޭ މައްސަލައިގައި ފާޑު ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ހަމައިން ސުޕްރީމް ކޯޓު ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރު، ސުޕްރީމް ކޯޓަށް ނޭވާއެއްލާނެ ފުރުސަތު ވެސް ނުދޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ކަމަށް ބުނާ އިރު، އެތަނުން ބަލަނީ އެފަދަ މައްސަލައެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

ފިލްމީ ދާއިރާގެ އެއް ފަންނާނު އަލީ ޝާހިދު (ސްޓެޕް އައްޔަ) މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު އެ ޕާޓީގެ ރައީސް ޔާމީނާ ހަވާލުކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކަމަށް ބުނެ، ބަލަމުން ދަނީ ކުރިން ފަނޑިޔާރުން ނެރުއްވި ހުކުމްތަކާއި އަމުރުތަކެވެ.

"އަޅުގަނޑު ހިތަށް އަރާ އެބަ، މި މޭޒު އަނެއް ފުށަށް ޖެހިގެންދާ އިރު، މި މީހުންގެ މައްސަލަތައް ނިންމަން ތިބީ ކިހާ ތާހިރު ބައެއް ބާއޭ. ކިހާ ތާހިރު ބައެއްތޯ މިތިބީ މައްސަލަތައް ނިންމަން،" ރާއްޖޭގެ ޖުޑިޝަރީ ތެރޭގައި މިހާރު އިސްކޮށް ތިއްބެވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން އަދި ވަރަށް ކޯފާ އިސް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން ދެ އެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅަކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ގުޅުއްވި ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ. އަދި އެވަރުގެ ކަމެއް ކުރަން އަމިއްލަ ނަފްސަށް ވެސް ލަދުވެތިވާނެ ކަމަށް ވިދާޅުވި އެވެ.

"އެ އަށް ވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަނަވަސް. އެ އަށް ވުރެ އަޅުގަނޑުގެ ތަނަވަސްކަން އެބަހުރި. ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވޭ،" ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމަށް މިރޭ ސޮއިކުރެއްވި މީހެއްގެ ފޯމާ، އެ ޕާޓީގެ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިރޭގެ ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ކަން ކުރެއްވި މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. ނަޝީދާ އެކު، ޑީއާރުޕީގައި ކުރިން ތިއްބެވި ބައެއް މެމްބަރުން ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ.

އަދި ބައެއް ރަށްރަށުން ޕީޕީއެމާ ގުޅުނު މީހުންގެ ފޯމުތައް ވަނީ ހަވާލުކޮށްފަ އެވެ.