މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ބަހުސް ކުރައްވަން ފެއްޓެވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފުރަތަމަ އިވުނީ ކަށިގަނޑު ފުމޭ އަޑެވެ. މެމްބަރުންގެ ސަމާލުކަން، ކަށިގަނޑު ފުމުނު މެމްބަރަށް އަމާޒުވި އެވެ. އެކަމަކު، ޓީވީތަކުން މަޖިލިހުގެ ޖަލްސާ ލައިވް ކުރަމުން ދިޔަ އިރު، އެއީ ކޮން މެމްބަރެއް ކަމެއް ފާހަގައެއް ނުވި އެވެ.


އޭގެ ފަހުގައި، ދެން އިވުނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށާއި 77 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވާ އަޑެވެ. ޝިޔާމް އެހެން ވިދާޅުވާ ކޮންމެ ފަހަރަކު އިދިކޮޅުގައި ތިއްބެވި މަދު މެމްބަރުން "ދޫކޮށްލާ" ށޭ ވިދާޅުވެ އެވެ.

މެމްބަރު އަބްދުﷲ ވަހީދުގެ އަރިހަށް ވަޑައިގެން ޝިޔާމް މިއަދު ވިދާޅުވީ ޔާމީން ޖަލުގައި އޮންނެވީ ރާއްޖޭގެ "ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް" ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ވެސް އަބްދުﷲ ވަހީދު އަރިހަށް ވަޑައިގެން މައިކް ކައިރީގައި ޔާމީން ދޫކޮށްލެއްވުމަށް އަޑު އުފުއްލެވި އެވެ.

އެއާ އެކު، ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދެވި އަބްދުﷲ ވަހީދުގެ ރާގު ވެސް ކުއްލިއަކަށް ބަދަލުވެގެން ދިޔަ އެވެ. އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ އިންސާފު ގާއިމުކުރުން ކަމަށާއި ރައްޔިތުން 65 ގޮނޑި އެމްޑީޕީ އަށް ދިނީ އެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވަން ފެއްޓެވި އެވެ.

އިދިކޮޅު މެމްބަރުން މިއަދު އިހުތިޖާޖް ކުރައްވަނީ.

މަޖިލިހުގައި ދެން ހިނގައިގަތީ ނިޒާމީ އޮއިވަރެކެވެ.

ނިޒާމީ މައްސަލައެއް ނަންގަވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ޔާމީންގެ ދިފާއުގައި ތިއްބެވި ބޭފުޅުންނަށް މަޖިލިހަށް ވަޑައިގެންނެވުނީ "އަދި ކިރިޔާ" ކަމަށެވެ. އަދި ކަމަކާ އުޅުއްވާ ނަމަ، ހެނދުނު ހޭފުޅުލައްވައިގެން އެކަމާ އުޅުއްވަން އެ ބޭފުޅުން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭރު ޝިޔާމާ އެކު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން މައުމޫން، ޔާމީން މިނިވަން ކުރަން ގޮވާލައްވައި މަޖިލިހުގެ ތަޅުމުގައި އަޑުގަދަ އުފުއްލަވަމުން ގެންދެވި އެވެ.

އިހުތިޖާޖުގައި "ހެނދުނާއި ފަތިހާ" އުޅުއްވުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވެ، ބަޖެޓަށް ބަހުސް ކުރެއްވުމުގެ ފުރުސަތު އަނެއްކާ ވެސް އަބްދުﷲ ވަހީދަށް ދެއްވި އެވެ. އޭނާ ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ހެޔޮ ނިޔަތެއްގައި މަސައްކަތް ނުކުރާ ކަމަށެވެ.

"މަޖިލިސް ނިމެންވާ އިރަށް އައިސް އެ ބޭފުޅުން ދައްކަނީ ޔާމީންގެ ދިފާއުގައި ތިބޭކަން. ހަގީގަތުގައި (ޔާމީން) ގެ ދިފާއުގައި ކުރާ އެއްވެސް ކަމެއް ނެތް،" ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަނީ ޝިޔާމް އެކަނި ކަމަށް ސިފަކުރައްވައި އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ބަޖެޓަށް މެމްބަރުން ވާހަކަ ދައްކަވާ އިރު، އެ ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ. އޭގެ ރައްދުގައި "ކޮން ބަޖެޓެއްހޭ، މިހާރު ވެސް 32 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލައިފި" ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ދޮންބިލެތް ވިދާޅުވީ، އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރެއްވުމުގެ ފުރުސަތު ދިނުމަށް މިރޭ މަޖިލިސް ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށެވެ.

އެ ހިސާބުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ފަޒުލް އަށް ދެންމެ "ބީއްސާލެވުނީ" ދޮންބިލެތްގެ ގައިކޮޅުގައި ކަމަށާއި އެގޮތަށް ހަދާ ނަމަ، ނުކުންނާނެ ނަތީޖާއަކަށް ވިސްނާލެއްވުމަށެވެ.

ނިޒާމީ މައްސަލައެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މަޖިލިހުގައި ކާ އެއްޗެހި ޓެސްޓް ކުރަން ޖެހޭ ކަމަށާއި އިދިކޮޅު މެމްބަރުން ސައި ކޮޓަރިން ނުކުމެވަޑައިގަތް ފަހުން "ރަނގަޅަށް ތިބި ކަމަށް" ނުބެލެވޭ ކަމަށެވެ. އޭރު ވެސް "ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން" މަޖިލިހުގެ ތަޅުމުގައި ގޮވަމުން ދިޔަ އެވެ. އެ މައްސަލައިގައި ނަޝީދު ވިދާޅުވީ އެއް ޕާޓީއަކުން ބޭނުން ކުރާ ސްލޯގަން އެހެން ޕާޓީއަކުން ބޭނުންކުރުމުން ސިޔާސީ ނިޒާމު "ގަޑުބަޑުވާ" ކަމަށެވެ.

އިދިކޮޅު ބައެއް މެމްބަރުން މިއަދު މަޖިލިހުގައި އިހްތިޖާޖު ކުރަނީ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ވިދާޅުވީ މަޖިލިހުގެ ނިޒާމު ގެއްލުވާލަން އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޔާމީން ޖަލަށްލީ މަޖިލިހުގެ ރައީސް ނަޝީދު ނޫންކަން އިދިކޮޅު މެމްބަރުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

އެކަން ސާފުކޮށް ދެއްވައި ނަޝީދު ވިދާޅުވީ "ޔާމީން ހައްޔަރު ކުރުމާއި ހުކުމް އިއްވުން އެއީ ޝަރުއީ ކޯޓަކުން ހިނގާފައިވާ ކަމެއް" ކަމަށާއި "މި މަޖިލިހުން އެކަމާ ގުޅުމެއް ނެތް" ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވި ގޮތުގައި ޔާމީނަށް ހުކުމް ކުރި ދުވަހު، އޭނާ ހުންނެވީ ޕީޕީއެމްގެ ތާއީދު އޮތް ރަށެއްގަ އެވެ. އެ ގަޑީގައި އެ ރަށުގެ އެއްވެސް ރައްޔިތަކު ކަންބޮޑުވެގެން އުޅޭ ތަން ފެނިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި ޔާމީން ހައްޔަރުކޮށްގެން ކަންބޮޑުވާ ރައްޔިތަކު ނެތް. މި ތަނުގައި ތިއްބެވި ހަ މެމްބަރުން ފިޔަވައި. އަޅުގަނޑު ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލާފައި ހުރީ ސިޔާސީ ގޮތުން އައި ހުކުމެއްގެ ސަބަބަކުން ނޫނެވެ. އޭގެ ރައްދުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށެވެ.

އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވި ނަމަވެސް މަޖިލިހުގެ ޖަލްސާ މެދުކަނޑާނުލައްވައި ނަޝީދު ވަނީ ކުރިއަށް ގެންދަވައިފަ އެވެ. އަދި ވޯޓު ގަޑި ޖެހުމުން އިދިކޮޅު މެމްބަރުން ގޮނޑިތަކުގައި އިށީނދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތެވެ.

އެކަމަކު އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރިއަށް ގެންދެވި އެވެ.

އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވީ ވޯޓު ގަޑީގައި ބައެއް މެމްބަރުންގެ ހެޑްސެޓުން އަޑު ނީވޭތީ އާއި މަޖިލިހުގެ ޖަލްސާ ސުލްހަވެރިކަމާ އެކީގައި ކުރިއަށް ގެންދަން ނަޝީދު ބޭނުންފުޅުވުމުންނެވެ.

"ވަރަށް ދެރަ ގޮތެއް މި ދިމާވަނީ. މެމްބަރުންގެ ހެޑްސެޓަށް އަޑު ނީވޭތީ އަޅުގަނޑު ޖެހޭނީ މެމްބަރުންގެ ނަން އިއްވަން،" ވަރަށް ހަމަޖެހިވަޑައިގެން އިންނަވައި ނަޝީދު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ބޭރަށް ނުކުމެވަޑައިގަންނަވަން ބޭނުންވާ މެމްބަރު އަތް ހިއްލާލަ ދެއްވުން އެދެން،"

ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް، އެއްވެސް ބޭފުޅަކު އެގޮތަށް އަމަލު ނުކުރެއްވި އެވެ. އެންމެ ފަހުން ނަޝީދު ވަނީ ބައެއް މެމްބަރުންގެ ނަން އިއްވަވައި މަޖިލިހުގެ ތަޅުމުން ނެރެފަ އެވެ.