މަޖިލިހުގެ ރައީސާ އެކު 15 ބޭފުޅަކު އިންޑިއާ އަށް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ 15 މެމްބަރުންގެ ވަފުދެއް މިއަދު އިންޑިއާ އަށް ފުރައިފި އެވެ.


މަޖިލިހުގެ އިދާރާ އިން ބުނި ގޮތުގައި މި ވަފުދުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ސިޔާސީ ޕާޓީތައް ތަމްސީލްކުރައްވާ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިދާރާ އިން ބުންޏެވެ.

މަޖިލިހުގެ އިދާރާ އިން ކުރި ޓުވީޓު.

މަޖިލިހުގެ ބޮޑު ވަފްދެއް އިންޑިއާ އަށް ވަޑައިގަންނަވަނީ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު އިއްޔެ ވިދާޅުވީ އެމްއޯޔޫގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރާ މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރު އަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ވަފުދު އެނބުރި އަންނާނީ އަންނަ ހުކުރު ދުވަހު ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.