ބަރުލަމާނީ ގުޅުން ބަދަހިކުރަން ލޮކް ސަބާއާ އެކު އެއްބަސްވަނީ

އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެ އެވެ.


މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ އެމްއޯޔޫގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރާ މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރު އަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން މަޖިލީހާއި އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން ރަސްމީ އޮނިގަނޑެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެފަރާތުން ވެސް ގަވައިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

މި އެމްއޯޔޫގައި ސޮއިކުރަން މަޖިލިހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އިތުރަށް މުގައްރިރު ކައިރީ އަހާލިން މި މެމޮރަންޑަމް އިން ކިހިނެއްތޯ ވަނީ. ވިދާޅުވީ މީގައި އޮތް ގޮތަކީ އެއް ބަޔަކު، އަނެއް ބައެއްގެ ވެބްސައިޓް ބަލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެއް ބަޔަކު އަނެއް ބަޔަކަށް ދެނީ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މި ފެށޭ ހަފުތާގައި މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ވަފުދުގައި އެމަނިކުފާނު ހިމެނިވަޑައިިގަންނަވާ ގޮތަށް ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް 15 މެމްބަރުންގެ ވަފްދެއް އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މެމްބަރުންނާ އެކުގައި މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.