ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިޔާ އިން އެހީވަނީ އަންނަން އޮތް ޖީލުތަކަށް ނުއުފުލޭވަރަށް ގައުމު ދަރަނިވެރިކޮށް، ނިކަމެތި ކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ހިންދީ ބަހުން ތަގުރީރުކުރައްވަމުން މޯދީ މިރޭ ވިދާޅުވީ ތަރައްގީގެ ގުޅުމުގެ ބޭނުމަކީ [ރާއްޖެ] ބާރުވެރިކުރުވުން ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ބޭނުމަކީ ރާއްޖެއިން އެ ގައުމަށް ބަރޯސާކުރާ މިންވަރު އިތުރުކުރުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޑިއާ އަށް ލިބޭ ކުރިއެރުންތައް އަބަދުވެސް އަންނަނީ އަވައްޓެރިންނާ ހިއްސާ ކުރަމުން. އެހެންވީމާ އަޅުގަނޑުމެންގެ ތަރައްގީގެ ގުޅުމުގެ ބޭނުމަކީ މީހުން ބާރުވެރިކުރުވުން. އަދި އެ މީހުން ބަލިކަށިކޮށް އަޅުގަނޑުމެންނަށް ބަރޯސާކުރާ ވަރު އިތުރުކުރުމެއް ނޫން. އަދި އަންނަން އޮތް ޖީލުތަކުގެ ކޮނޑުގައި ނުއުފުލޭ ވަރގެ ދަރަނީގެ ބުރައެއް އެޅުވުމެއް ވެސް ނޫން،" މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވި ގޮތުގައި އަވަށްޓެރިންނަށް އެހީތެރިވުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު ބިނާކޮށްފައި ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ދެއްވާފައިވާ އިރުޝާދެއްގެ މައްޗަށެވެ. ގާންދީ ވިދާޅުވެފައިވަނީ އަވަށްޓެރިންނަށް ޚިދުމަތް ކުރުމުގައި ވަކި ހައްދެއް ނޯންނާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ މޯދީ ވިދާޅުވި ގޮތުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމެވެ. މޯދީ ވިދާޅުވީ އެކަމުގައި ރަނގަޅު ރަހުމަތްތެރިންގެ މިސާލެއްގެ ދެ ގައުމު ގުޅިގެން ދުނިޔެ އަށް ދެއްކިދާނެ ކަމަށެވެ. ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަކީ އިންޑިއާ އާއި ރާއްޖެ އަށް ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
"[އޭގެ ތެރޭގައި] ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ އެންމެ މުހިއްމު ކަނޑުމަގުގެ ރައްކާތެރިކަން ކަށަވަރު ކުރުން [ހިމެނޭ]،" މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ދެން ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއާ އެކު ފުރިހަމަ އަށް އެއްބާރުލުމަށް އިންޑިއާއިން ވައުދުވެ ވަޑައިގަންނަވާ ކަމަށެވެ.
"މި މަސައްކަތްތައް ކުރުމުގައި ފުރިހަމަ އަށް އެއްބާރުލުމަށާއި ރާއްޖެއާ އެކު އޮތް އަގުހުރި ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މޯދީ މިއަދު ހަވީރު ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.