މޯދީ ތަގްރީރުކުރާ ޖަލްސާއާ ގުޅޭގޮތުން ޕީޖީ ލީޑަރުންނާ ނަޝީދު މަޝްވަރާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާއާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ (ޕީޖީ) ލީޑަރުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.


މޯދީ، މާދަމާ ރާއްޖެ އަށް ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި މަޖިލީހުގެ ޖަލްސާގައި ތަގްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެކަން އޮންނާނީ މާދަމާ އިރުއޮއްސި 6:45 ގައި މަޖިލިހުގެ އިދާރާގަ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މޯދީ ތަގްރީރު ކުރައްވާ ޖަލްސާއާ ގުޅޭގޮތުން ޕީޖީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައި، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ޕީޖީ ގްރޫޕްތަކުގެ ލީޑަރުންނަށް ވެސް މަޖިލީހުގެ ރައީސް ނަޝީދު ޝުކުރު އަދާކުރެއްވި ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާ އެކު.

އެ ބައްދަލުވުމުގައި އިދިކޮޅު ޕީޖީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ޕީޖީ ލީޑަރު، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

މޯދީ، ރައްޔިތުންގެ މަޖިލިހުގައި ތަގުރީރު ކުރައްވަނީ މާދަމާގެ ދެ ނަމާދު ދޭތެރޭ ކަމަށް ވުމުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފަ އެވެ. ސަބަބަކީ މިއީ ޝައްވާލް މަހުގެ ހަ ރޯދަ ހިފާ ދުވަސްވަރު ކަމަށް ވުމުން، ރޯދަ ވީއްލުމަށް ފަހު، އަވަސް އަރުވާލައިގެން ޖަލްސާ އަށް ވަޑައިގަންނަވަން ޖެހޭތީ އެވެ. އެއާ އެކު، ރާއްޖެ އަކީ 100 ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު، މިފަދަ ކަންކަން ރާވަންޖެހޭނީ ދެ ނަމާދު ދޭތެރެއާ ނުވާނެ ގޮތަކަށް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ރޭ ބުނެފައި ވަނީ މޮދީ ވެސް ބޭނުންފުޅު ވަނީ މަޣުރިބު ނަމާދަށް މެމްބަރުންނަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

ބޭރު ގައުމެއްގެ ސަރުކާރުގެ އެންމެ މަތީވެރިންގެ ތެރެއިން އެންމެ ފަހުން ވެސް މަޖިލީހުގައި ތަގްރީރު ކުރައްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރެކެވެ. އެއީ މޯދީގެ ކުރިން ބޮޑުވަޒީރަކަށް ހުންނެވި ޑރ. މަންމޯހަންސިން އެވެ. އޭނާ ވެސް މަޖިލީހުގެ ތަގްރީރު ކުރެއްވީ ބޮޑުވަޒީރުގެ ގޮތުގައި ހުންނަވައިގެން 2011 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވެ.