ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިކޮށްފި

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ، ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރިޔަސް އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ސިފައިންގެ ދެ މީހަކު އުމުރުން 15 އަހަރު އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައެއް ބެލުން ލަސްވެފައި ވުމެވެ.

އެ ކުއްޖާގެ މަންމަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން ވެސް އެކަން ކުރިއަށް ނުދިޔަ ކަމަށާއި އެހެންވެ އޭނާ އަމިއްލަ އަށް ވިލީފުލުހަށް ވަޑައިގެން އެ މައްސަލަ ހުށަހެޅުއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދިވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

އެ ކުއްޖާ ވިކްޓިމައިޒް ކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް ކަމަށާއި އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދިވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ރޮޒައިނާ

އެހެންވެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ކަމާގުޅޭ އިދާރާތަކުން ހޯދުމަށް ރޮޒައިނާ ވަނީ ކޮމިޓީ އަށް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުއްވުމާ އެއްގޮތަށް އެ އިދާރާތައް މާދަމާ ރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރު ކުރުމަށް މިރޭ ފާސްކުރި އެވެ.

ކޮމިޓީ އަށް ހާޒިރު ކުރަނީ ކްރިމިނަލް ކޯޓާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނެވެ. އޭގެ އިތުރުން ކަނޑުހުޅުދޫ ކައުންސިލް މެމްބަރުން ވެސް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.