ޗައިނާއަށް ނުގޮސް، ވޫހާން ވައިރަހުގައި ބަލިވީ އެންމެ މީހެއް: ޑަބްލިޔުއެޗުއޯ

ޗައިނާގެ ވޫހާން އިން ފެނުނު ނުރައްކާތެރި ކޮރޯނާވައިރަސް އަރައިގެން އެހެން ގައުމުތަކުން މިހާތަނަށް ފެނުނު ބަލިމީހުންގެ ތެރެއިން، ޗަައިނާއަށް ދަތުރުކޮށްފައި ނުވަނީ އެންމެ މީހެއް ކަމަށް، ޑަބްލިޔުއެޗްއޯ އިން މިއަދު ބުނެފި އެވެ.


ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެހެން ގައުމުތަކާ ހިއްސާކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2،700 އަށް ވުރެ ގިނަ މީހެއްގެ ގައިން ވައިރަސް ފެނު އިރު، ޗައިނާ ފިޔަވާ އެހެން ގައުމުތަކުން ވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 37 އެވެ. އޭގެ ތެރެއިން 34 މީހަކު ވޫހާންއަށް ދަތުރުކޮށްފައިވެ އެވެ. ދެ މީހަކު ޗައިނާގެ އެހެން ތަންތަނަށް ދަތުރުކުރި އެވެ.

ޖަނަވާރުންގެ ގައިގައި އާންމުކޮށް އުޅޭ ކޮރޯނާވައިރަސްގެ ތެރެއިން އިންސާނުންނަށް ބަލިޖައްސާކަން އަލަށް އެނގުނު ވައިރަހުގައި އެހެން ގައުމުތަކުން ފެނުނު މި 37 ބަލިމީހުންގެ ތެރެއިން މި ފަހުން އެއްގޮތަކަށް ވެސް ޗަައިނާއަށް ދަތުރުނުކުރަނީ، އެންމެ މީހެކެވެ.

ޑަބްލިއުއެޗުއޯގެ ތަފާސްހިސާބު ދައްކާ ގޮތުން މިހާތަނަށް އެ ވައިރަހުން ބަލިވި މީހުންގެ އަދަދު އަރަނީ 2،741 މީހުންނަށް ކަމަށް ވިޔަސް، ޗައިނާއިން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ބުނަނީ އެ ނިސްބަތް 4،500 ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

އަލްޖަޒީރާ ބުނި ގޮތުގައި ޗައިނާއިން އެ ވައިރަސްއަށް އަލަށް ޕޮޒިޓިވް ވިި 1،300 މީހުންނާ އެކު ވައިރަސް ހުރި މީހުންގެ ޖުމްލަ 4،520 އަށް އަރަ އެވެ.

ޑަބްލިއުއެޗްއޯގެ ހިސާބުތައް ދައްކާ ގޮތުން ވޫހާން ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ 80 އެވެ. އަދި ހާލު ބޮޑުވި މީހުންގެ އަދަދަކީ 461 އެވެ. އެކަމަކު އަލްޖަޒީރާއިން ބުނީ މަރުވި މީހުންގެ އަދަދު 106 އަށް އަރާފައިވާ ކަމަށެވެ.

ވޫހާން ވައިރަސް ޗައިނާގެ އިތުރުން މިހާތަނަށް ދުނިޔޭގެ 11 ގައުމަކުން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާ ވެސް ހިމެނެ އެވެ.

ޗައިނާގެ ހުބޭ ޕްރޮވިންސްގެ މީހުން އެތެރެވުން ކޮންޓްރޯލް ކުރަން ބައެއް ގައުމުތަކުން މިހާރު އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މެލޭޝިއާ އާއި ލަންކާއިން ވަނީ ހާލަތު ރަނގަޅު ވަންދެން ވިސާ ދިނުން މެދުކަނޑާލައިފަ އެވެ.

ވޫހާން ވައިރަސް ހުރި މީހަކު ރާއްޖެއިން ފެނިދާނެތީ، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ބަލީގެ މީހަކު ފެނިއްޖެ ނަމަ ކަރަންޓީނު ކުރާނީ މާލެއާ ކައިރީގައި އޮތް، އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގަ އެވެ.