ރާއްޖޭގައި އުޅޭ އެންމެންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރާނަން: ރައީސް

ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ވަޅީގެ ހަމަލއާ ގުޅިގެން ބޭއްވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމަކަށް ފަހު، އެމަނިކުފާނު ނެެރުއްވި ބަޔާނުގަ އެވެ.

ރައީސް ވިދާޅުވީ، ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ފިނޑި އަމަލުތައް ހިންގަން މަސައްކަތް ކުރާ، އަދި އެފަދަ އަމަލުތައް ހިންގާނެ ކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ތިިން ސަރަހައްދެއްގައި ދިން ހަމަލާގައި ޒަހަމްވި އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ތިބީ ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހަކާއި އޮސްޓްރޭލިއާ މީހެކެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެކެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، އެފަދަ އަމަލުތަކާ މެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަމާބެހޭ މައުލޫމާތުު ކަމަބެހޭ އިދާރާތަކާ ހިއްސާކުރަން އެދިވަޑައިގެންފަ އެވެ. އަދި އެފަދަ ނުރައްކާތެރި އަމަލުތަކާއި ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ރާއްޖެއިން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އަދި އެފަދަ ޖަރީމާތަކާ ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާ ނުވުމަށް ރައީސް އެދިވަޑައިގަތެވެ.