އިދިކޮޅުގެ އާ ލީޑަޝިޕަކާ އެކު، އަދިވެސް އެމްޑީޕީ ބަލިކުރެވޭނެ: އުމަރު

އިދިކޮޅު ފަރާތްތަކުގެ ސަފުތައް އާ ލީޑަޝިޕެއްގެ ފަހަތުގައި އަލުން ރުކުވާލެވިއްޖެ ނަމަ އަދިވެސް އެމްޑީޕީ ބަލި ކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ އަށް އަހަރު ކުރިން އިސްތިއުފާ ދެއްވި ދުވަހާ ދިމާކޮށް، ލިޔުއްވި ފޭސްބުކް މެސެޖެއްގައި އުމަރު ވިދާޅުވީ، އެމްޑީޕީ އަކީ މަގުމަތިންނާއި ވޯޓުފޮށިން ވެސް ބަލި ކުރެވޭނެ ބައެއް ކަން މިހާތަނަށް ވާނީ ސާބިތުކޮށްދީފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއަދަކީ "ލާދީނީ" ވެރިއެއްގެ ކިބައިން ރާއްޖެ ސަލާމަތް ކުރިތާ އަށް އަހަރު ފުރޭ އުފާވެރި ދުވަހެވެ.

"7 ފެބްރުއަރީގެ ހެޔޮ އެދުންތައް އެންމެހައި ރައްޔިތުންނަށް އަރިސް ކުރަން،" ސިފައިންނާ ފުލުހުން އަދި އާންމުންގެ ތެރެއިން ބަޔަކު ނަޝީދާ ދެކޮޅަށް ނުކުމެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވި ދުވަހާ ގުޅޭ ގޮތުން އުމަރު ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވީ އުމަރު ވެސް ހިމެނޭ ގޮތުން އޭރު އޮތް އިދިކޮޅު ހަރަކާތުން ކުރި ބަޣާވާތާ ގުޅިގެން ކަމަށް ނަޝީދާއި އެމްޑީޕީގެ މެމްބަރުން ގަބޫލުކުރެ އެވެ. އެކަމަކު، އެކަން ހިނގި ގޮތް ތަހުގީގު ކުރަން އުފެއްދި ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) އިން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން އަދިވެސް ގަބޫލުކުރަނީ އެއީ ބަޣާވާތެއް ކަމަށާއި ކަން ހިނގި ގޮތް ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ.

އެހެންވެ، އިންތިގާލީ އިންސާފު ހޯދައި ދިނުމުގެ ބިލެއް ވެސް މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން "އިންތިގާލީ އަދާލަތު"ގެ ކޮމިޝަނެއް އުފައްދަން ވަނީ ކަނޑައަޅައިފަ އެވެ. އެ ކޮމިޝަނުން ތަހުގީގު ކުރާނީ ބިލްގައިވާ ގޮތުން ނަމަ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގި މައްސަލަތަކެވެ.

ފެބްރުއަރީ 7 އާ ގުޅުވައިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ "މިއަދުގެ އުއްމީދު" ކަމަށެވެ.