މަޖިލީހުގައި ޒަހާ ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްވި ޖަވާބާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްޕުޅުހަޖެހިވަޑައިނުގެންފި އެވެ.


މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއޭރުއެމްގެ މެމްބަރު ޒަހާއާ، ފިރުޝާން ސުވާލު ކުރެއްވީ، ގދ. ހޯޑެއްދޫ އިން ހޮރައިޒަން ފިޝަރީޒަށް ބިން ދޫކުރި އެއްބަސްވުމާ، އެ ކުންފުނިން ހިލާފުވެފައި ވޭތޯ ބެލުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ޒަހާ ވިދާޅުވީ، އެއްބަސްވުމުގައި ބުނާ ފިޔަވަޅު އެޅުމަށް އެޓާނީ ޖެެނެރަލްގެ ލަފައަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒަށް ހޯޑެއްދޫ އިން ބިމެއް ދޫކޮށްފައިވާތާ މިހާރު 14 އަހަރު ވެފައިވާ ކަމަށް ސުވާލުގައި މެމްބަރު ފިރުޝާން ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، އެ ބިމުގައި މަސައްކަތް ފެށުމަށް ހޮރައިޒަންއާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރި ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހުނުކަން މިނިސްޓަރުގެ ވާހަކަ އިން ދޭހަވެ އެވެ.

"މިކަމުގައި އިކޮނޮމިކް ކައުންސިލުން ލަފާ ދެއްވާފައި ވަނީ މަސް ގަތުމުގައި ސަރުކާރާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ދީފައިވާ އެކްސްކްލޫސިވިޓީ އުވައިލުމަށް ކުންފުނިތަކާ މަޝްވަރާ ކުރުމަށާއި މަޝްވަރާ އިން ކުރިއެެރުމެއް ނުލިބިއްޖެ ނަމަ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،" ޒަހާ ވިދާޅުވި އެވެ.

ޒަހާގެ އެ ޖަވާބާ އެކު، ނަޝީދު ތަކުރާރު ކުރެއްވީ، އިތުރު ތަފްސީލް ވެސް ދެއްވަމުން، މެމްބަރު ފިރުޝާންގެ ސުވާލެވެ. އެއީ، ހޯޑެއްދޫ އިން ހޮރައިޒަން ފިޝަރީޒަށް ބިން ދޫކުރި އެއްބަސްވުމާ، އެ ކުންފުނިން ހިލާފުވެފައި ވޭތޯ އެވެ.

"އިއްޒަތްތެރި މެމްބަރުގެ ސުވާލަކީ [ހޮރައިޒަން ފިޝަރީޒުން] އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިއްޒަތްތެރި ވަޒީރު ދެކެވަޑައިގަންނަވަންތޯ؟ ހޯޑެއްދޫ އެއްބަސްވުމާ، އެއީ 2005 ވަނަ އަހަރު، ހޯޑެއްދޫގައި ދެކުނުގެ ހަތަރު އަތޮޅު އެއްކޮށް ބާނާ މަސް ބަންދު ކުރުމުގެ، 50 ޓަނުގެ ޕްލާންޓެއް ހެދުމުގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް އިއްޒަތްތެރި ވަޒީރު ދެކެވަޑައިގަންނަވަންތޯ؟" ނަޝީދު ސުވާލު ކުރެއްވި އެވެ.

އެމަނިކުފާނުގެ ސުވާލާ ގުޅިގެން، ދެވަނަ ފަހަރަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވި ގޮތުގައި، އެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ. އެހެންވެ، މަޖިލީހުގެ ތަޅުމުގައި އިތުރަށް އެ ވާހަކަ ދައްކައިގެން ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި، ކޯޓު މަރުހަލާގެ ތެރެއިން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުގެ ހާލަތު އޮތް ގޮތް މި ދަންނަވާލީ،" އޭނާ ވިދާޅުވި އެވެ.

ޒަހާގެ އެ ޖަވާބަށް ފަހު، ނަޝީދު އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރެއްވި އެވެ. ދެވަނަ ފަހަރަށް ސުވާލު ކުރެއްވި އިރު ޒަހާ އަށް ޖަވާބު ދެއްވި ދާނެ ގޮތްތައް ވެސް އެމަނިކުފާނު ވިދާޅުވެ ދެއްވި އެވެ.

"އިއްޒަތްތެރި ވަޒީރަށް ވިދާޅުވެވި ދާނެ އަޅުގަނޑު ހިތުން، [އެއްބަސްވުމާ] ހިލާފު ވެފައި ވޭތޯ ބެލުމަށް ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފައޭ އެ ވަނީ،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ ސުވާލަށް ޖަވާބު ދެއްވަން ޒަހާ އަށް އިތުރު ފުރުސަތެއް ދެއްވުމުގެ ބަދަލުގައި ދެން ހުޅުވައި ލެއްވީ މެމްބަރުންގެ ސުވާލުތަކަށެވެ. އެގޮތުން، ބައެއް މެމްބަރުން ސުވާލު ތަކުރާރު ކުރެއްވި ނަަމެވެސް ޒަހާ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް ހަސަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ސުވާލަކާ ގުޅިގެން މަޖިލީހަށް ވަޑައިގެންނެވި ދުވަހު ވެސް މިފަދަ ގޮތަކަށް ކުރިން ވަނީ ކަންކަން ހިނގައިފަ އެވެ.