ކީ ސްޓޭޖް ހަތަރެއްގެ ދަރިވަރުން ގުރުއާނުން އެސެސްކުރުން މަޑުޖައްސާލަން ނިންމައިފި

ކީ ސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން، ގުރުއާން މާއްދާ އިން އެސެސްކުރުން މަޑުޖައްސާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.


އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ބުނީ ގްރޭޑު 9 އަދި 10 ހިމެނޭ ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށެވެ. އެހެންވެ އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުންޏެވެ. މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ތިބީ ގުރުއާން މާއްދާ އިން އިމްތިހާނެއް ހަދަން ތައްޔާރުކޮށްފައި ނޫންކަން ވެސް ސާކިއުލާގައި ފާހަގަކުރި އެވެ.

މިނިސްޓްރީން ބުނީ ގައުމީ މަންހަޖެއް ތަންފީޒުކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒުކުރާއިރު އެ މަންހަޖެއްގައިި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ލިބެންޖެހުނަސް، ކީ ސްޓޭޖް ހަތަރެއްގައި މިހާރު ތިބި ދަރިވަރުންނަށް އެ ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އެ ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒުކުރުމަކީ ފުރިހަމަގޮތުގައި އެކަން ދަރިވަރުންނަށް ހާސިލްކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބުންޏެވެ.

"މިކަންކަމަށް ރިއާޔަތްކޮށް ކީސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްލުމަށް ހަމަޖައްސައިފީމެވެ،" އެޑިއުކޭޝަންގެ ސާކިއުލާގައި ބުންޏެވެ.

"މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުން އަދި ކަމާގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް މަޝްވަރާކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީ އެވެ،" ސާކިއުލާގައި ބުންޏެވެ.

މިއަހަރު، ފުރަތަމަ ފަހަރަށް އެސްއެސްއީ އިމްތިހާނުގައި ގުރުއާން ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެހެންވެ ދެ އެސައިންމަންޓުގެ ބަދަލުގައި އެއް އެސައިންމަންޓް ހުށަހަޅަންޖެހޭ ގޮތަށް މިނިސްޓްރީން މިދިޔަ މަހު ބަދަލުކުރި އެވެ.

އެސައިންމަންޓުގެ އިތުރުން ހިތުންނާއި ބަލައިގެން ވެސް ދަރިވަރުން ގުރުއާން ކިޔައިދޭން ޖެހެ އެވެ. ނަމަވެސް ގުރުއާން މާއްދާއިން އެސެސްކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރި ކަމުގައި ވިއަސް ގުރުއާން ކިޔަވައިދޭން ޖެހޭ ކަމަށް ވެ އެވެ. ދަރިވަރުންނަށް މިހާރު ހަވާލުކޮށްފައިވާ އެސަންއިމަންޓާ މެދު ވަކި ގޮތެއް ނިންމިކަމެއް އަދި ސާފެއް ނުވެ އެވެ.

ގުރުއާން އެސެސްކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރިއިރު، ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. އެކަމަކު އެ ތުހުމަތުތައް މިނިސްޓްރީން ދޮގުކުރެ އެވެ.

އެކަމާ ގުޅިގެން މި މަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ ގައުމީ އާ މަންހަޖު އެކުލަވާލައި ތަންފީޒުކުރަން ފެށުމާ އެކު ގްރޭޑް 1-10 އަށް ވަކި މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭން ހަމަޖައްސާފައިވާ ކަމަށެވެ. މަންހަޖުގެ ކީ ސްޓޭޖް 4 މިދިޔަ އަހަރު އަލަށް ތަންފީޒުކުރަން ފަށައި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ގްރޭޑް ނުވައަކާ ހަމައަށް ކިޔަވައިދޭން ފެށި ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލުތަކުގައި ހަރުދަނާކުރަން މިނިސްޓްރީން އަބަދު ވެސް މަސައްކަތްކުރާ ކަމަށް ބުންޏެވެ.