ރާއްޖޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފި

މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް ވައިރަހަށް ރާއްޖޭގައި ވެސް ޓެސްޓު ކުރެވޭނެ އިންތިޒާމު ހެލްތު މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.


ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އެކަން އިއުލާން ކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެ ޖަމިއްޔާ އިން ވަނީ، ކޮވިޑް ވައިރަަހަށް ޓެސްޓު ކުރުމަށް ބޭނުންވާ 10 ކިޓާއި ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕެޕް) ރާއްޖެ އަށް މިއަދު ހަދިޔާކޮށްފަ އެވެ. އެ ކިޓްތައް ބޭނުންކޮށްގެން 1،000 މީހުން ޓެސްޓުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ޕެޕް އަކީ އެ ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ މީހުންނާ އެކު މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ އިކުއިޕްމެންޓެވެ.

ކޮވިޑް ވައިރަހަށް ޓެސްޓްކުރެވޭނެ ގޮތް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމްކޮށްފަ އެވެ. ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ އެވެ.

މި ކިޓްތައް ލިބުމުގެ ކުރިން މި ވައިރަހަށް ޓެސްޓުކުރުމަށްޓަކައި ބައްޔަށް ޝައްކުކުރެވޭ މީހުންގެ ސާމްޕަލް ނެގުމަށް ފަހު، ޓެސްޓުކުރަން ފޮނުވަމުން ދިޔައީ އިންޑިއާގެ ޕޫނޭ އަށެވެ. ޓެސްޓުގެ ނަތީޖާ ލިބެން ތިން ދުވަސް ނެގި އެެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަށް މި ލިބުނު ޓެސްޓު ކިޓްތަކާ އެކު މި ވައިރަހާ ދެކޮޅަށް މަސައްކަތްކުރަން ފަސޭހަތަކެއް ލިބުނީ ކަމަށެވެ. އަދި އެ ވައިރަހާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތައް ހަރުދަނާކުރަން ދެނެގަންނަން ޖެހޭނެ ކަންތައްތައް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ. މި ކަމަށް ތައްޔާރުވާން ދުރާލާ ވިސްނައިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމުގައި އައިޖީއެމްއެޗްގެ ފަރާތުން ގިނަ އެހީތަކެއް ލިބުނު ކަން ފާހަގަ ކުރައްވަމުން އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމަށް ޝުކުރު އަދާކުރެއްވި އެވެ.

"ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވުމާ އެކީގައި އަޅުގަނޑުމެންނަށް ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން ރާއްޖޭން ދެނެގަތުމުގެ ފަސޭހަކަން ގާއިމްކުރެވުނީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ކަމުގައި ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، އެ ޖަމިއްޔާގެ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތޫރަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

މި ވައިރަހާ ދެކޮޅަށް ރާއްޖެ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޑރ. އަރްވިންދް މި ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އަދި މިއަދާ ހަމަ އަށް ވެސް ކޮވިޑް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހެއް ރާއްޖޭން ނުފެނުމަކީ އެކަމުގެ ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެ އައި ބައެއް މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ހަތް މީހެއްގެ ސާމްޕަލްތައް މީގެ ކުރިން ޓެސްޓު ކުރީ އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެންނެވެ.

ކޮރޯނާވައިރަހުގެ ނުރައްކަލާ ގުޅިގެން، ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފަ އެވެ. ރާއްޖެ އިން މިހާތަނަށް މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާއިރު، ރާއްޖެ ހިމެނެނީ އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގަ އެވެ.