ޗައިނާގައި ފެތުރެން ފެށި އެކަމަކު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ފެންނަމުން ދާ ކޮރޯނާވައިރަސްއަށް ޓެސްޓްކުރި ދިވެހި ހަތް މީހުންގެ ޓެސްޓްތައް ވެސް ނެގެޓިވްވުމުން، އެ އެންމެން މިއަދު ދޫކޮށްލައިފި އެވެ.
ކޮރޯނާވައިރަސްގެ ކަންކަން ބަލަހައްޓަމުން އަންނަ ރަސްމީ ކޮމިޓީގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސަރުކާރުގެ މޮނިޓަރިންގެ ދަށުގައި ތިބި ހަތް މީހުން ދޫކޮށްލީ، މިކަހަލަ ހާލަތްތަކުގައި އަމަލްކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ކަމަށެވެ.
އިންސާނުންގެ ގަޔަށް އަރައި، އަދި އެކެއްގެ ފަރާތުން އަނެކަކަށް ފެތުރެމުން ދާ އާ ވައިރަސް ހުރިތޯ ބަލަން ތަފާތު އެކި މިންގަނޑުތަކަށް ސަރުކާރުން އަންނަނީ އަމަލްކުރަމުންނެވެ. އެގޮތުން ސާމްޕަލް ނެގި ހަތް މީހުންގެ ތެރެއިން، ވައިރަސް ހުރެދާނެ ކަމުގެ އަލާމާތްތައް ފެނިގެން އެކަހެރި ކުރީ އެންމެ މީހެކެވެ.
ދެން ތިބީ ޗައިނާ އިން އައި ފަހުން ބަލީގެ ބައެއް އަލާމާތްތަކަށް ޝައްކުރެވިގެން ވަކިން ބަލަހައްޓަމުން އައި ހަތަރު މީހެކެވެ.
އަނެއް ދެ މީހުންނަކީ އެއްވެސް އަލާމާތެއް ނުފެނި އެކަމަކު ޗައިނާއަށް ދަތުރުކޮށްފައި ވާތީ، މޮނިޓަކުރަން ބޭތިއްބި ބައެކެވެ.
"އެ އެންމެންގެ ވެސް ސާމްޕަލްތައް ނެގީ މިވަގުތު އެއްވެސް ރިސްކަކަށް ނުދާން،" އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކު އޭގެ ތެރޭގައި އެންމެ މީހެއް ހުރީ ބަލީގެ އަލާމާތްތައް ފެނި، ބައްޔަށް ޝައްކުކުރެވޭ. އޭނާ ބެހެއްޓީ އައިސޮލޭޝަންގައި، މާނައަކީ އޭނާ ހުރި ތަނަކަށް ނުވަންނާނެ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި."
އިންޑިއާއަށް ފޮނުވި ހަތް ސާމްޕަލް ވެސް ނެގެޓިވްވިކަން ފުރަތަމަ އިއުލާންކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލިހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ވައިރަސްއަށް ޝައްކުވާ މީހުން ބައިތިއްބަން މިހާރު ބޭނުންކުރަނީ ފުނަދު އާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ފަރުކޮޅުފުއްޓެވެ.