ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، ރާއްޖެ އައި އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފި އެވެ.

ޗައިނާގެ ވޫހާން އިން ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން އެ ގައުމުން އައި ދެ ދިވެއްސަކު، މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ތިން ވަނަ މީހާ ރާއްޖެ އައީ ވެސް ހަމަ އެ ދުވަހު ހަވީރު އެވެ. އަދި އޭނާ ރާއްޖެ އައުމާއެކު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.

އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް އަދި ނުފެނެ އެވެ. އެކަމަކު 14 ދުވަސް ވާންދެން އެ މީހުން ކަރަންޓީނުކޮށްފައި ބައިތިއްބާނެ އެވެ.

"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ. އެކަހެރިކޮށްފައި ތިބި ދިވެހިންގެ ގައިން އެއްވެސް އަލަމާތެއް ނުފެންނާތީ އެ މީހުންގެ ކޮރޯނާ ވައިރަސް އަށް ޓެސްޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ސަރުކާރުން ބުނިގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ނުދީފަ އެވެ.

ޗައިނާގެ ވޫހާން އިން އިންޑިއާ އަށް ގެންގޮސް ކަރަންޓީނު ކުރި ހަތް ދިވެހިންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަސް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.