ޗައިނާގެ އެހީގައި ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރަކު ކަނޑައެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ.
ޗައިނާގެ އެހީގައި ވިލިމާލޭގައި ހަދާ އެ ހޮސްޕިޓަލަކީ 112 އެނދުގެ ޖާގައިގެ، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި:
- އެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތް ދޭނެ
- ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތައް ހުންނާނެ
- މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހުންނާނެ
- ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރު ވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ
"މި މަޝްރޫއަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށް ގެންދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހޮސްޕިޓަލް އަޅަން ޗައިނާ ސަރުކާރުން ހިލޭ އެހީ ހަމަޖައްސައިދިނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އާ ހަރުފަތްތަކަކަށް ގެންދާނެ، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އިސްތިރާޖީ މުހިންމު ބިނާއެކެވެ. އެއީ، ރާއްޖޭގެ އާންމު ސިއްހަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެކެވެ.
އެ މަޝްރޫއަކީ ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އެ ހޮސްޕިޓަލް އަޅަނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ސަރަހައްދުގައި އޮތް ހުސް ޖާގައިގަ އެވެ.