ޗައިނާ ސަރުކާރުގެ ހިލޭއެހީގައި ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލް އިމާރާތްކުރުމުގެ ދިރާސާ ނުވަތަ ފީސިބިލިޓީ ސްޓަޑީ ނިމުމުން އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ދެ ގައުމުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މެމޯގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މެމޯގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޮން ލީޝިން އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއާ އެކު، މި ޕްރޮޖެކްޓުގެ ދެން އޮތް ފިޔަވަހި ނުވަތަ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވިލިމާލެ ހޮސްޕިޓަލް ބަލަހައްޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޗައިނާގެ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމުން ދިރާސާ ހަދަން ޗައިނާގެ ސަރުކާރާ ހަވާލުކުރީ މިދިޔަ މެއި މަހު އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ހަމަޖައްސައިދިން ހިލޭ އެހީ އެކެވެ.
ދިވެހި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަންތަނުގައި މީހުން އާބާދުކޮށް ވިލިމާލެ އަށް ބްރިޖުން ގުޅައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނާތީ ވިލިމާލޭގައި ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅަން ނިންމީ އެވެ.
މި އަހަރު އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުންޏެވެ.
ސަރުކާރުގެ ވިސްނުން ހުރީ އެ ހޮސްޕިޓަލް މިހާރު ހިންގާ ބިމުގައި އާ އިމާރާތެއް ހެދޭ ނަމަ މިހާރު ހުރި އިމާރާތާ ޖެހިގެން އާ އިމާރާތެއް އެޅުމަށެވެ. އެކަމަކު، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ތަޅާލުމަށް ފަހު އެވެ.