ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައި އިން ހުޅުމާލޭގައި އިއްޔެ އުދުއްސަން ފެށި "އީވީޓޯލް" އުޅަނދަކީ ރާއްޖޭގެ އެކި ރަށްރަށުގައި މުުހިއްމު ބޭނުންތަކެއް ހިފިދާނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެފަދަ އިލެކްޓްރިކް ޑްރޯންތަކަކީ ރަށްތަކަށް އަސާސީ  ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރެވިދާނެ އުޅަނދުތަކެއް ކަމަށެވެ. އެފަދަ އުޅަނދު ބޭނުންކޮށްގެން ދެވިދާނެ ފަސް ހިދުމަތެއް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ. އެއީ:

  1. މެޑިކަލް ސާމްޕަލް އެއް ރަށުން ރަށްރަށުގެ ހެލްތު ފެސިލިޓީތަކުން އެހެން ރަށްރަށުގައި ހުންނަ ލެބޯޓްރީތަކަށް ގެންދިއުން.
  2. އަވަހަށް ގެންދަން ޖެހޭ ބޭހާއި ވެކްސިނާއި ބޭސްފަރުވާއަށް ބޭނުންވާ މުހިއްމު އެހެން ތަކެތި އުފުލުން.
  3. ކުއްލި ހާލަތްތަކާއި ކާރިސާތަކުގެ ވަގުތުގައި ފަސްޓް އެއިޑް ކިޓްތަކާއި އެ ނޫން ވެސް ސާމާނު އުފުލުން.
  4. އެއާކްރާފްޓްގެ ޑިޒައިނަަށް އެކަށީގެންވާ ބަދަލުތައް ގެނެސް، ސިއްހީ ކަންކަމުގައި މީހުން އުފުލުން.
  5. ތިމާވެށްޓާއި އިންފްރާސްޓްރަކްޗާ މޮނިޓާކުރުން.
ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި އެ ޓެކްނޮލޮޖީއަކީ ދަތުރުފަތުރުގައި މިހާރު ބޭނުންކުރާ ފެރީތަކާއި ޑޮމެސްޓިކް ފްލައިޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗަކަށް ނުވިޔަސް އެއީ އެ ހިދުމަތްތަކަށް ފަސޭހަކޮށްދޭނެ އެއްޗެއް ކަމަށެވެ.

އެ ބާވަތުގެ އުޅަނދުތައް ރާއްޖެއަށް ތައާރަފްކޮށް، ތަކެތި އުފުލުމުގައި ބޭނުންކުރުމަކީ އިގުތިސާދީގޮތުން ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެއީ އާ ސިނާއަތްތައް ދިރި، ހުނަރު ހުރި މީހުންނަށް ވަޒީފާގެ ފުރުސަތުތައް އުފެދޭނެ ކަމެއް ކަމަށް ވެސް ބުންޏެވެ. 

ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަން ތައްޔާރުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަން ތައްޔާރުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މީހުންނާއި މުދާ އުފުލޭ ޑްރޯން ތައާރަށްކޮށް ބޭނުންކުރަން ފެށުމުން އުފެދޭނެ މަސައްކަތުގެ އެއް ފުރުސަތަކީ ޓްރާންސްޕޯޓުން ބުނި ގޮތުގައި އެއާކްރާފްޓްތަަކަށް މެއިންޓަނެންސާއި އިންޖިނިއަރިން އަދި ޓެކްނިކަލް ސަޕޯޓް ދިނުމެވެ. އަނެއް ކަމަކީ ޕައިލެޓުންނާއި ޓެކްނީޝަނުންނަށް ވަޒީފާ ލިބުމެވެ. 

އެ އުޅަނދުތަކަށް ބޭނުންވާ ބެޓެރީ ވިއްކުމާއި ޗާޖްކުރުމުގެ ހިދުމަތަކީ ވެސް އުފެދޭނެ ފުރުސަތެކެވެ. މެޑިކަލް އިމަޖެންސީތަކަށް ބޭނުންވާ ސާމާނު  ސަޕްލައި ކުރުމާއި އެއާ ސްޕޭސް މެނޭޖްމަންޓް އަދި އޭވިއޭޝަނަށް ބޭނުންވާ ސޮފްޓްވެއާ އުފެއްދުމަކީ ވެސް އޮންނާނެ ފުރުސަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރި އެވެ.

ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަން ތައްޔާރުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ޗައިނާގެ "އީވީޓޯލް" މޭނެޑް ޑްރޯން ހުޅުމާލޭގައި އުދުއްސަން ތައްޔާރުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އީވީޓޯލް އުޅަނދު ދުއްވާ ގޮތް ދައްކާލުމަށް މިއަދު ބޭއްވި ހަރަކާތަކީ އެ  މިނިސްޓްރީ އާއި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ބޭނުމަކީ ކަމާ ގުޅޭ އިދާރާތަކަށާއި ވިޔަފާރިތަކަށް އެ ދާއިރާއިން އޮތް ފުރުސަތު ފާހަގަކޮށްދިނުމެވެ.

އީވީޓޯލް "މޭނެޑް ޑްރޯން" އުދައްސުމުގެ ހަރަކާތް ފެށީ ހުޅުމާލެ 1 ގެ ޗެނަލް ސަރަހައްދުގަ އިއްޔެ އެވެ.  އެހަރަކާތް މިއަދު ވެސް ކުރިއަށް ގެންދާނެ އެވެ. 

އެ ހަރަކާތުގައި ދައްކާލާފައިވަނީ ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ "ޑްރީމް އެސްޓީ" މޮޑެލްގެ އީވީޓޯލް އުޅަނދެކެވެ.

އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ.

މިއީ ތިމާވެއްޓާ ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެކެވެ.