ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯން ނުވަތަ އީވީޓޯލް މަތިންދާބޯޓެއްގެ ދަތުރު ދައްކާލުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ.

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ "މޭނެޑް ޑްރޯން" އުދައްސައި، އެ ހަރަކާތް ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގަ އެވެ. 

އެ ހަރަކާތް މާދަމާ ހެނދުނު އަދި ހަވީރު ވެސް ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ހެނދުނު 8:45 ގައި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަން މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތުގައި ދައްކާލާފައިވަނީ ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ "ޑްރީމް އެސްޓީ" މޮޑެލްގެ އީވީޓޯލް އުޅަނދެކެވެ.

އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ.

މިއީ ތިމާވެއްޓާ ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެކެވެ.

މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ޗައިނާއިން ތައާރަފުކޮށްފައިވާ މުހިންމު އަދި ތާރީހީ ކުރިއެރުމެކެވެ.

ރާއްޖެ ފަދަ ގައުމަކަށް، މިފަދަ ޒަމާނީ އުޅަނދުތަކަކީ އިމަޖެންސީ ހާލަތްތަކުގައި މީހުން އުފުލުމަށާއި އަވަސް ދަތުރުފަތުރަށް ހުޅުވިގެންދާ ވަރަށް އުންމީދީ ދޮރެއް ކަން ފާހަގަކުރެވެ އެވެ.