ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބެމުންދިޔަ ހިދުމަތްތަކަށް ވަރަށް ބޮޑު ހުރަސްތަކެއް އެޅި، އިޔާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން އައި އާމްދަނީ މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ބިލާ ގުޅިގެން ދެން އެ ކައުންސިލަށް ނުލިބޭނެ ކަމަށެވެ.
އެއީ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެހިކަލް ފީގެ ގޮތުގައި ލިބެމުން އައި ފައިސާ ބޭނުންކުރީ މާލޭގެ މަގުތައް މަރާމާތުކުރުމާއި މިސްކިތްތައް ބެލެހެއްޓުމާއި ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމާއި ޑިޒާސްޓާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ މުހިއްމު ހިދުމަތްތަކަށް ކަމަށެވެ.
"މި ފައިސާ ކައުންސިލުން އުނިކުރުމަކީ ރައްޔިތުންނަށް ދެމުންދާ މި ފަދަ ޒަރޫރީ ހިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ އާއްމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވަނީ މާލޭގައި ދިރިއުޅޭ މީހުންގެ ހައްގާއި ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، ޓްރާންސްޕޯޓް ގާނޫނު އަދި ކައުންސިލްތަކުން ބިން އަތުލެވޭ ގާނޫނަށް ގެނައި ބަދަލު މުރާޖައާކޮށް، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯދައި ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އެ ގާނޫނަށް ގެނައި އިސްލާހާއެކު، ވެހިކަލްގެ އަހަރީ ދީ ދެން ލިބޭނީ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަން އުފައްދާ ވަކި އޮފީހަކަށެވެ.
"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.
އެ ބިލް ތަސްދީގުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓުގެ ކަންކަމަށް މާލެއަށް ވަކި އޮފީހެއް އުފެއްދީ، ކުރިން އަދާކުރެއްވި މަގާމުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ކަމަށެވެ.
"މިއީ ދެން ވަރަށް ގިނަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެން ކުރި ކަމެއް. އަޅުގަނޑު އެކި ފަހަރު މަތިން، އެ ކި ހައިސިއްޔަތުން ކުރީގައި، މާލޭގެ މި ޓްރެފިކް މައްސަލަ އާއި މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެ ކަންކަމުގެ ތަޖުރިބާގެ އަލީގައި މި އިސްލާހު މި ގެނައީ،" ރައީސް ވިދާޅުވި އެވެ.