އެމްޑީޕީން ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑިތަކެއް ހުހަށް!

ފުރިބާރުވެފައިވާ ޖަލްސާތަކުން ފޯރިނަގާ އެމްޑީޕީން، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމަށް އަލިމަސްކާނިވަލުގައި ރޭ ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާ އަށް ފިނި ތަރުހީބަކާ އެކު ގިނަ ގޮނޑިތަކެއް ހުހަށް ހުރެގެން ފާޑުކިއުން އަމާޒުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް ޖަލްސާ ފެށިގެން ގޮސް ނިމެންދެން ގިނަ ގޮނޑިތަކެއް ހުރީ ފަޅަށެވެ. ރޭވުންތެރިކަމާއި އިންތިޒާމްތަކުގެ ތެރެއިން ހިންގާ އެމްޑީޕީގެ ޖަލްސާތަކުގައި މިއީ، ކުރިން ނުފެންނަ މަންޒަރެކެވެ. ބޯ ވާރޭތެރޭގައި ވެސް ސަޕޯޓަރުން އޭރު ޖަލްސާތަކުގައި ތިބެނީ ޕާޓީ އަށް މަރުދޭތީ އެވެ. ޕާޓީގެ ރައީސް ނަޝީދު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދިޔައިރު، ގޮނޑިތައް ފަޅަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން ކުރިން ބާއްވާ ކެމްޕޭން ޖަލްސާތައް އޮންނަނީ ތޮއްޖެހިފަ އެވެ. މީހުން ޖަމާވެ، ގޮނޑި ޖަހާ އަދަދަށް ވުރެން އަދަދު އިތުރުވެ ބައެއް މީހުން ކޮޅަށް ތިިބެން ވެސް ޖެހިފައިވެ އެވެ. އެ ޖަލްސާތަކާ އަޅާބަލާއިރު ރޭގެ ޖަލްސާ އަށް މީހުން ނުދިއުމަކީ އެ ޕާޓީ އަށް އޮތް ތަރުހީބު ފަނޑުވަމުންދާ ކަން ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.

ރޭގެ ޖަލްސާ އަށް ނަޝީދު ތަގުރީރު ލިޔުއްވާ ފޮޓޯތައް އާންމުކޮށް، ޖަލްސާ ޕްރޮމޯޓް ކުރުމުގެ ޓުވީޓެއް.

ޖަލްސާ އަށް ދިއުމަށް އެދި މުޅި މާލޭގައި ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ތިން ދުވަސް ވަންދެން ދުއްވި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާތައް ވަރަށް ފޯރިގަދަވާނެ ކަމަށާއި ނަޝީދު، އެ ޖަލްސާ އަށް އިއްވަވާ ތަގުރީރު އެމަނިކުފާނު އަމިއްލަފުޅަށް ލިޔުއްވާ ފޮޓޯތައް ވެސް ޓުވީޓާގައި ޕްރޮމޯޓް ކުރި އެވެ. މުޅި ރާއްޖޭގައި އެއްފަހަރާ އެ ޖަލްސާތައް ފެށިގެން ކުރިއަށް ދާނެ ކަމަށް ބުނެ ޕްރޮމޯޓް ކުރާތާ ދުވަސްތަކެއް ވެސް ވެއްޖެ އެވެ. އެކަމަކު، މާލޭގެ ޖަލްސާގައި ސަޕޯޓަރުންގެ އަދަދުން އެންމެންނަށް ދައްކައި ދިނީ ހައިރާން ކަމެކެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެމްޑީޕީން މި ފެށީ މާލޭގައި އެކަންޏެއް ނޫނެވެ. އަލިމަސްކާނިވަލުގައި ޖަލްސާ ކުރިއަަށް ދިޔައިރު، އެކި ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ވެސް ޖަލްސާ ބޭއްވި އެވެ.

ރަށްރަށުން މީހުން މާލެ ގެނެސްގެން ޖަލްސާ ބޭއްވުމުގެ ބަދަލުގައި، ލާމަރުކަޒީ ވައުދާ އެއްގޮތަށް މި ކެމްޕޭނަށް އެމްޑީޕީން ވަނީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ނޫން ވެސް ޕާޓީގެ އިސް ބޭފުޅުން އެކި ރަށްރަށަށް ފޮނުވައިފަ އެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގަތް ޖަލްސާ އެކި ރަށްތަކުގައި ކުރިއަށް ދިޔަ އެވެ.

މައްސަލައަކަށް ވީ ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ހޯދާނެ ކަމުގެ ވައުދާއެކު މާލޭގައި ބޭއްވި ޖަލްސާގެ ފޯރިއެއް ނެތުމެވެ. އެމްޑީޕީގެ ސަޕޯޓަރުން އެންމެ ގިނައީ މާލޭގައި ކަމަށް ވާއިރު ކެމްޕެއިންގެ ފުރަތަމަ ޖަލްސާ އިން ވެސް ފެނުނީ ހީނަރުކަމާއި ފަޅުކަމެވެ.

ޖަލްސާ އަށް ދިޔަ އަދަދު ފެނުމުން ފާޑުވިދާޅުވި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީ އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. ޖަލްސާގެ އަދަދުން އެކަން ހާމަކޮށްދީފި ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

އެމްޑީޕީގެ ޖަލްސާގައި އަދަދު މަދުކަމުން ފާޑުކިޔާފައި.

ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ "ކެނޑި ސަޅިބައިސާތަކުން" ވެރިކަމާއި މަޖިލީސް ހަވާލުކުރުމުން ވީ ގޮތް ރައްޔިތުންނަށް ސާފުވެއްޖެ ކަން އެމްޑީޕީގެ ޖަލްސާގެ މަންޒަރުތަކުން ސާފުވެއްޖެ ކަމަށެވެ.

ދިވެހިރައްޔިތުންނަކީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ފަސްނުޖެހި ކުރިއަށްދާ ބައެއް ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޤީޤަތެވެ.

އެމްޑީޕީގެ ޖަލްސާ އަށް ލިބުނު ފިނި ތަރުހީބަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ރައްޔިތުން ފަސްނުޖެހި ކުރިއަށްދާ ކަމަށެވެ. އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތް ކަމަށް ވިދާޅުވި އެެވެ.

ދިވެހިރައްޔިތުންނަކީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ފަސްނުޖެހި ކުރިއަށްދާ ބައެއް ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޤީޤަތެވެ.

އެމްޑީޕީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މައްސަލަ އަކީ ވެރިކަމަށް އައިސް، ކެމްޕެއިންގައި ވައުދުވި ގޮތާ ޚިލާފަށް ކަންކަން ކުރަމުން ދިއުމެވެ. ގައުމު ހިންގަން ނޭނގުމެވެ.

ޓުވީޓާގައި "ނައިބުތުއްތު" ގެ ނަމުން މަޝްހޫރު، އެމްޑީޕީގެ ސަޕޯޓަރަކު ބުނީ، ހަތް އަހަރުގެ ބުރަ މަސައްކަތަށް ފަހު ސަރުކާރަށް އަންނަން އެމްޑީޕީ އަށް ލިބުނީ 40 ޕަސެންޓު ކަމަށާއި އެކަމަކު އޭގެ ތެރޭގައި ވެސް ގިނައީ ޑީއާރުޕީން "ފުންމާލި" މީހުންނާއި އެ މީހުންގެ ރަހުމަތްތެރިން ކަމަށެވެ.

ބާކީ 60 ޕަސެންޓަކީ ޖޭޕީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ބުނެ އޭނާ ބުނީ އެއީ "ބާޣީން" ކަމަށެވެ.

"ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ ބޯޑުގައި އަދިވެސް ޕީޕީއެމް މީހުން އެބަތިބި. އެ މީހުން އެމްޑީޕީގެ ޖަލްސާތައް ފަޅުފިލުވައި ދޭންޖެހޭނެ،" ނައިބުތުއްތުގެ ނަމުން ޓުވީޓް ކުރާ އެމްޑީޕީގެ ސަޕޯޓަރު ބުންޏެވެ.

އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި އަދަދު މަދުވި ސަބަބާ ގުޅޭ ގޮތުން އެ ޕާޓީން ރަސްމީކޮށް އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު ޖަލްސާ އިން ބުނެދިނީ، ވައުދުތައް ފުއްދައި ޕާޓީގެ ހިންގުން ހަރުދަނާކޮށް، އިތުބާރު އުފައްދަން ޖެހިފައިވާ ކަން ކަމަށް ބުނެ އެ ޕާޓީގެ އާއްމު މެމްބަރުންގެ ޝުއޫރުތައް ސޯޝަލްމީޑިއާ އަށް ދޫކޮށްލި އެވެ.