އިންޑިއާ ހައި ކޮމިޝަނަށް ޑިޕްލޮމެޓިކް އިމްތިޔާޒް އެބައޮތް، އެތަނާ ދެކޮޅަށް ދައުވާ ނުކުރެވޭނެ: ސުޕްރީމް ކޯޓް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ކަމަށާއި އެހެންވެ، އެތަނާ ދެކޮޅަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.


ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދިރިއުޅުއްވުމަށް ކުއްޔަށް ހިފި އިމާރާތެއްގެ އެއްބަސްވުމުގެ މައްސަލާގައި އެ ގޭގެ ވެރިފަރާތުން އިންޑިއާ ހައި ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ނިންމާފައިވަނީ ބައިނަލްއަގްވީ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ފަރާތްތަކާ ދެކޮޅަށް ދައުވާ ނުކުރެވޭނެތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

އެކަމަކު 2013 ގައި ހައި ކޯޓުން ނިންމާފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބޭނީ ޑިޕްލޮމެޓިކް އޭޖެޓުންނަށް ކަމަށާއި އިންޑިއާ ހައި ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރުމަކީ ޑިޕްލޮމެޓިކް އޭޖެންޓަކާ ދެކޮޅަށް ދައުވާކުރުން ނޫން ކަމަށް ވާތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވިއެނާ ކޮންވެންޝަން އޮތް ގޮތުން ޑިޕްލޮމެޓިކް މިޝަންތަކަކީ ވަކި ގާނޫނީ ޝަހްސެއް ނޫން ކަމަށާއި އެއީ ބިދޭސީ ގައުމެއް ތަމްސީލުކުރަން އެހެން ގައުމެއްގައި ހުންނަ އޮފީހެއް ކަމަށް ވާތީ އެފަދަ މިޝަނަކާ ދެކޮޅަށް ދައުވާކުރުމަކީ ވެސް އެ ގައުމެއްގެ މައްޗަށް ދައުވާ ކުރުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ކުލީގެ އެއްބަސްވުމުގައި ސޮއި ކުރިއިރު، އެ އިމްތިޔާޒް ދޫކޮށްލަން އިންޑިއާ އިން އެއްބަސްވެފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ރާއްޖޭގައި ހުންނަ ބިދޭސީ މިޝަންއެއްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، އެފަދަ ދައުވާއެއް އެ އުފުލެނީ ސީދާ ގޮތެއްގައި އެ ބިދޭސީ ދައުލަތުގެ މައްޗަށެވެ. އެ ދައުލަތް ތަމްސީލުކުރަން އެ މިޝަންގައި އެންމެ އިސްކޮށް ހުންނާނީ އެ ގައުމަކުން ދިވެހިިރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރެވެ. އެ ފަރާތަކީ އެ ސަރުކާރުގެ ނުވަތަ އެ ދައުލަތުގެ ބޭނުމަށް ކުރާ ކަންކަމާ ގުޅޭގޮތުން ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިމްތިޔާޒް ލިބިގެންވާ ފަރާތްތަކެއް ކަން އެނގެ އެވެ." އެ ހުކުމުގައިވެ އެވެ.

ވިއެނާ ކޮންވެންޝަން އޮތްގޮތުން އިމްތިޔާޒް ދޫކޮށްލާފައި ނުވާ ނަމަ، އެހެން ގައުމެއްގެ އޮފިޝަލުންނާއި އޭޖެންޓުން ރަސްމީ ހައިސިއްޔަތުން ކުރާ ކަންކަމަށް އިމްތިިޔާޒް ލިބޭނެ ކަމަށާއި އަދި އެފަދަ ތަންތަނުގެ ނުއުފުލޭ މުދާތަކަށް ވެސް އިމްތިޔާޒް ލިބޭނެ ކަމަށް ވެސް އެ ހުކުމުގަައިވެ އެވެ. އެހެންވެ، އެފަދަ މުދަލަކާ ގުޅޭގޮތުން ކޯޓެއްގައި ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން ރައްޔިތުންގެ މައްޗަށް ލާޒިމްވަނީ އެކަމާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ކަމަށް ވެފައި ވިއެނާ ކޮންވެންޝަނާ ބެހޭ ގާނޫނެއް ނެތުމުން އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމިިޔަސް، އެ މުއާހަދާއަށް އަމަލު ކުރަން ކޯޓުތަކުގެ މައްޗަށް ލާޒިމްވެ އެވެ.

ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ވިއެނާ ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވެފައިވަނީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އައުމުގެ ކުރިން ކަމަށް ވާތީ އޭރު އޮތް ގާނޫނީ ނިޒާމުގެ ތެރެއިން ރާއްޖޭން އެ މުއާހަދާގައި ބައިވެރިވެފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދައުލަތުން އެއަށް އަމަލުކުރުން ލާޒިމްވުމުން އޭގެ ތެރޭގައި ކޯޓުތައް ވެސް ހިިމެނޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ދިވެހި ދައުލަތުގެ މައްޗަށް ކަމެއް ލާޒިމްވުމަކީ ދައުލަތުގެ ހުރިހާ ގުނަވަނަކުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވުމެވެ. އޭގެ ތެރޭގައި ކޯޓުތައް ވެސް ހިމެނެ އެވެ. ވީމާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 އަށް ދިވެހިރާއްޖޭގެ ކޯޓުތަކުން އަމަލު ކުރުމަށް ލާޒިމް ވެގެންވެ އެވެ." އެ ހުކުމުގައިވެ އެވެ.

ބޭރު ބައެއް ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ދައުލަތްތަކުގެ މައްޗަށް އޮންނަ ޒިންމާތަކާ ދުރަށް ނުދެވޭނެ ކަމަށާއި އަދި ގައުމެއްގައި ވަކި ކަމަކަށް ގާނޫނެއް ނެތުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ގައުމެއްގެ މައްޗަށް އެހެން ގައުމެއްގެ ކޯޓެއްގައި ދައުވާ ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށްވާތީ އެ މައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމި ނިިންމުން ރަނގަޅު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވަނީ އާންމު އުސޫލުން އިމްތިޔާޒް ލިބިގެންވާ ގައުމެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ދައުވާއެއް އިމްތިޔާޒް ދޭ ގައުމެއްގައި ކުރުމަކީ މަނާ ކަމަކަށް ވިޔަސް، އިމްތިޔާޒް ދޭނެ ދާއިރާ ކަނޑައެޅުމުގެ ބާރު އިމްތިޔާޒް ދޭ ގައުމަކަށް އޮންނަ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ އިމްތިޔާޒްތައް ދިނުމުގައި ގިނަ ގައުމުތަކުން މިހާރު އަމަލު ކުރަނީ ވަކި މިންވަރަށް އިމްތިޔާޒް ދިނުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަމަކު ރާއްޖެއިން އެއްވެސް ގައުމަކަށް ދޭ އިމްތިޔާޒެއް ހަނިކުރަން ރާއްޖެއިން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އިންޑިއާގެ މައްސަލާގައި 2010 ވަނަ އަހަރު ފޮރިން މިނިސްޓްރީން އެޓާނީ ޖެެނެރަލްގެ އޮފީހަށް ފޮނުވި ސިޓީ އޮތްގޮތުން ވެސް އިންޑިއާއަށް އެ އިމްތިޔާޒް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ގަބޫލުކުރާ ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކުރާ ކަމަށެވެ.

ފަނޑިޔާރު ސުއޫދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.