އިންތިޚާބު ލަސްކުރުމަށް ފަރުވާއެއް ހޯދައިދެވޭނީ މަޖިިލީހަށް: ނަޝީދު

އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް، މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެެޅުއްވި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސަށް ހުޅުއްވައިލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ، އިންތިޚާބު ބާތިލު ކުރުމާއި ފަސްކުރުމަކީ ސުޕްރީމް ކޯޓާ ގުޅޭ ކަމެއް ނޫން ކަމަށް ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައިވާ ކަަމަށެވެ.

ނަމަވެސް، އިންތިޚާބު ފަސްކުރުމަކީ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަަމެއް ކަމަކަަށް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެއީ ސުޕްރީމް ކޯޓާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ޖުޑިޝަރީ ކޮމިޓީ އާއި ޖޭއެސްސީގެ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"އިންތިހާބު ލަސްކުރަން ވެއްޖެ ނަމަ އެހެންވީމާ ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކީ މި މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.

އިންތިޚާބު ފަސްކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީ އާއި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވިއިރު، ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި، ރައްކާތެރިވުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމައިދޭން އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ކޮމިޝަނުން ކުރިން ވަނީ އަންނަ މަހު ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މަހުގެ 18 އާ ހަމައަށް ލަސްކޮށްފަ އެވެ. އެއީ ގާނޫނޫނުގައިވާ ގޮތުން އީސީއަށް އެ އިންތިހާބު ލަސްކުރެވޭނެ އެންމެ ފަހު ތާރީޚެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހަށް މިއަދު ތައަރާފު ކުރައްވަމުން މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ބަލިމަޑުކަމެއްގެ ހާލަތެއްގައި އިންތިޚާބު ފަސްކުރަން ގާނޫނުއަސާސީން ޖާގަ ދޭ ކަމަށާއި މި ފަދަ ހާލަތެއްގައި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާންކޮށްފަ އެވެ. އެ ފިޔަވަޅާ ގުޅިގެން، ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ބަންދުކޮށް، އަދި ސަރުކާރުން ޚިދުމަތް ދިނުމުގައި ބައެއް އުސޫލުތަކަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ.