ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް، އޮފީސްތައް ހަފުތާއަކަށް ބަންދުކުރަނީ

ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް، ސަރުކާރުގެ އޮފީސްތައް ހަފުތާއަކަށް ބަންދުކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.


ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެބިނެޓުން ނިންމީ، ސަރުކާރުގެ އޮފީސްތައް މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ބަންދު ކުރުމަށެވެ.

މި ދެ ފިޔަވަޅުގެ އިތުރުން، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް ކެބިނެޓުން މިއަދު ނިންމި އެވެ.

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް ލިބޭ އާމްދަނީން 135 (2.5 ބިލިއަން ރުފިޔާ އާއި 446 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ކޮރޯނާވައިރަހުގެ ނުރައްކަލާ ގުޅިގެން، މުޅި ދުނިޔެ ވެސް ބޮޑު އިގްތިސޯދީ އަޑިގަނޑެއްގައި އުޅޭ މި ދުވަސްވަރުގައި ރާއްޖޭގެ ރިސޯޓުތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ޚާއްސަކޮށް، ޚަރަދު ކުޑަކުރެވޭނެ ގޮތްތައް އަންނަނީ ފަހިކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް އެއްވެސް ދިވެއްސަކަށް ކޮވިޑް-19 ބަލި ޖެހިފައެއް ނުވެ އެވެ. ރާއްޖޭގައި އެ ބަލި ޖެހިފައި ވަނީ އިޓަލީގެ ނުވަ މީހަކަށާއި އިނގިރޭސި ވިލާތުގެ މީހަކާއި ޖަރުމަނުގެ މީހަކާއި ތުރުކީ އަދި ސައުތު އެފްރިކާގެ މީހަކަށެވެ. އޭގެ ތެރެއިން ޓޫރިސްޓުންގެ އަދަދަކީ 11 އެވެ. ބާކީ ދެ މީހުންނަކީ ރާއްޖެ އިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޖެހުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް ބަލި ރާއްޖޭގައި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއ އަޅަން ފަށައި، ވަނީ ސިއްހީ ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ. އަދި ރިސޯޓުތަކަށް އަރައި ފޭބުން މަނާކޮށް، ގެސްޓް ހައުސްތަކަށް ބުކިން ހެއްދުން ވެސް މި ވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ސްކޫލްތަކާއި ކިޔަވައިދޭ ތަންތަނާއި އާންމުކޮށް ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.