ޔޫކޭގެ ނިންމުމުން ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ: ކެމްބްރިޖް

އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކޮށް އޭލެވެލް އާއި ޖީސީއެސްއީ އިމްތިހާން ކެންސަލްކުރި ކަމުގައި ވިޔަސް ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ ކަމަށް ކެމްބްރިޖް ޔުނިވާސިޓީން ރޭ ބުނެފި އެވެ.


ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާ ޖެހޭ މީހުން ގިނަވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކު އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކޮށް މެއި އަދި ޖޫން މަހުގެ އިމްތިހާނު ނުބާއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ވަނީ އިއުލާނުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޖީސީއެސްއީ އޭލެވެލް އާއި އޯ ލެވެލް ވެސް ހިމެނެ އެވެ.

އެކަމުގެ މައުލޫމާތު ހިއްސާކޮށް ކެމްބްރިޖު އިންޓަނޭޝަނަލްގެ ވެބްސައިޓުގައި ބުނީ، ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް، ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާ އަކީ، އިނގިރޭސިވިލާތުން ފަސްކުރި އިމްތިޚާނުތަކާ ތަފާތު އިމްތިހާނެއް ކަމަށެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖުން ދެ އިމްތިޚާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިޚާނެވެ.

ކެމްބްރިޖް އިމްތިޚާނު، އިނގިރޭސިވިލާތުން ބޭރުގެ އެހެން ގައުމުތަކުގެ ތެރެއިން ސްކޫލްތައް ބަންދު ނުކުރާ އަދި ރައްކާތެރިކަމާއެކު ބޭއްވޭނެ ގައުމުތަކުގައި އިމްތިޚާނު އޮންނާނެ ކަމަށް ވެބްސައިޓުގައި ބުންޏެވެ.

އިނގިރޭސިވިލާތުގައި ވެސް ކެމްބްރިޖު އިިންޓަނޭޝަނަލް އިމްތިޚާނު ހަދާ ސްކޫލުތަކާ މެދު ކަންތައް ކުރާނެ ގޮތް، އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށް އެ މީހުންގެ މަގުސަދު ސާފުކުރަމުން އަންނަކަން ފާހަގަކޮށް ބުނީ އެކަމުގެ މައުލޫމާތު ސްކޫލުތަކާ ފަހުން ހިއްސާކުރާނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އިމްތިޚާނުތަކާ މެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އިތުރު އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ ރާއްޖޭގެ ދަރިވަރުން އަންނަ މެއި އަދި ޖޫން މަހު އިށީންނަން ހަމަޖައްސާފައިވާ އިމްތިހާނުތައް ފަސްކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުތަކުގެ ސްކޫލުތައް ބަންދުކޮށްފައިވާ، ދުނިޔޭގެ ތައުލީމާ ބެހޭ ހުރިހާ ކަމެއް މޮނިޓާކުރާ އދ.ގެ ޖަމިއްޔާ، ޔުނެސްކޯއިން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޯގާގެ ސަބަބުން 300 މިލިއަން ކުދިން ސްކޫލަށް ނުދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ ނިންމައިފަ އެވެ.

ރާއްޖެއިން ވެސް މި ހަފުތާގައި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ. ނަމަވެސް މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން، އޮންލައިންކޮށް ވެސް ކިޔަވައިދިނުން މެދުކަނޑާލީ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު، އެ އެންމެން ވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި ކުރަމަތި ރިސޯޓުން ދޭއް އަދި އައިލެންޑް ސަފާރިން ދެ މީހެކެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން އަދި ބިދޭސީ މަސައްކަތްތެރިންނެވެ.

އެ ބަލި 176 ގައުމަށް ފެތުރިފައިވާއިރު މިހާތަނަށް 219،087 މީހުންނަށް، ޗައިނާގައި އުފަންވި ކަމަށް ބެލެވޭ ރޯގާ ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 85،673 މީހުން ބަލިން ރަނގަޅުވެފައިވާއިރު 8،961 މީހުން މަރުވެފައި ވެ އެވެ.