ޕެރިސް (މާޗް 15) - ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޮނާވައިރަހުގެ ސަބަބުން 50 އަށް ވުރެ ގިނަ ގައުމުން ގާތްގަނޑަކަށް 300 މިލިއަން ކުދިން ސްކޫލަށް ނުދާ ކަމަށް ޔުނެސްކޯ އިން ބުނެފި އެވެ.
ސްކޫލްތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި އިޓަލީ، ޖަރުމަން، ސްޕޭން، ފްރާންސް އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެ އެވެ. އެމެރިކާގެ ވަރަށް ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އިންޑިއާ އިން ވެސް ވަނީ ވެރިރަށުގެ ފަސް ވަނަ ގްރޭޑުން ދަށުގެ ހުރިހާ ސްކޫލެއް ބަންދުކޮށްފަ އެވެ. ސައުދީ އަރަބިއާގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސްކޫލްތައް ބަންދުކުރި ނަމަވެސް ބައެއް ގައުމުތަކުގައި ދަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ. އެމެރިކާގެ ހަވާޑް، ޕްރިންސްޓަން، ކޮލަމްބިއާ އަދި ސްޓެންފޮޑް ޔުނިވާސިޓީން ވަނީ ކްލާސްތައް ކެންސަލް ކުރުމަށް ފަހު އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ.
ދުނިޔޭގެ ތައުލީމާ ބެހޭ ހުރިހާ ކަމެއް މޮނިޓާކުރާ އދ.ގެ ޖަމިއްޔާ އިން ބުނީ ސްކޫލްތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ހޭދަވެއްޖެ ނަމަ އެތައް މިލިއަން ކުދިންގެ ތައުލީމުގެ ހައްގުން މަހްރޫމްވާނެ ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ހޮން ކޮންގާއި މަކާއޫ ހިމެނޭ ގޮތަށް ޗައިނާގެ 233 މިލިއަން ކުދިން ސްކޫލަށް ނުދެ އެވެ. ޔުނެސްކޯގެ ހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ 16.5 މިލިއަން ކުދިން ވެސް ސްކޫލަށް ނުދެ އެވެ. ސްރީ ލަންކާ ސަރުކާރުގެ ސްކޫލްތައް ވެސް މިދިޔަ ބުރާސްފަތި ދުވަހު ބަންދުކުރުން 4.3 މިލިއަން ކުދިން ވަނީ ގޭގައި ތިބެން ޖެހިފަ އެވެ.
ޔުނެސްކޯ އިން ބުނީ ދުރުންދޭ ތައުލީމުގެ ޕްރޮގްރާމުތައް ހިންގަން މި ދުވަސްވަރު ހިތްވަރު ދޭ ކަމަށެވެ.