ކޮވިޑް-19: ރާއްޖެ އިން ފުރިފަހުން ޕޮޒިޓިވްވީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ. އެ މީހާގެ ގައުމު އެ އިދާރާ އިން ހާމަނުކުރި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ތުރުކީގެ މީހެކެވެ.


ޖޯލި މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރި އަދި ރ. ބޮޑުފުއްޓަށް ދިޔަ އެ މީހާ އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓުގެ ނަތީޖާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. މި ދެ ރަށަށް ވެސް ގޮސްފައިވާ ތުރުކީ މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ޕޮޒިޓިވްވިކަން ރާއްޖެ އަށް އެންގީ އިއްޔެ އެވެ.

ދެ ރަށް ބަންދުކޮށް، އޭނާއާ ދިމާވި އެންމެ ދެނެގަތުމަށް މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. އެ ދެ ރަށަށް ދިޔައީ، އާއްމުކޮށް ކޮންޓެކްޓް ޓްރޭސިން އަށް ދާ ވަރަށް ވުރެން ބޮޑު ޓީމެއް ކަމަށް ވެސް އެންއީއޯސީން ބުންޏެވެ.

ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށް ވެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އިން ފުރިފަހުން ޕޮޒިޓިވްވި ބިދޭސީމީހާ އަކީ ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ރިސޯޓެއްގައި ވަޒީފާއަދާކުރަން އުޅުނު މީހެއް ކަމަށެވެ.

އެޗްޕީއޭގެ ޓުވީޓް

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވެ އެވެ. ދިވެހި ސަރުކާރުން ލަފާކޮށްފައި ވަނީ އޭނާގެ ގަޔަށް އެ ކޮރޯނާވައިރަސް އެރީ ރީތިރަށް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ފަހުން ޗައިނާ އިން ކަމަށެވެ. އެކަމަކު، އެޗްޕީއޭ އިން ވަނީ އެ ރިސޯޓު ބަންދުކޮށް، ފެލައިނީއާ ގުޅުން އޮތް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އަދި ބައެއް މީހުން ކޮރޯނާވައިރަހަށް ޓެސްޓު ވެސް ކޮށްފަ އެވެ. އެ އެންމެން ވަނީ ނެގެޓިވް ވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ މުޅިން ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނެވެ. ބާކީ ދެ މީހުންނަކީ އެނބުރި ގައުމަށް ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ޓޫރިސްޓުންނެވެ. އެއީ އިޓަލީގެ ދެ މީހުންނެވެ.