"އަމާޒު" ބޯޓު 13 ރަށަކަށް ދިޔަ، ބޮޑު ކްލަސްޓާއަކަށް ވުން އެކަށީގެންވޭ

ކޮރޯނާވައިރަހާ ހެދި މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހިގެން، ސަރުކާރުން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުން ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.


ކޮވިޑް-19 އަށް މި މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުންކުރިއިރު ވަންނާނެ ގެދޮރު ނެތި ބައެއް މީހުން ހާލުގައި ޖެހުނެވެ. އެ މީހުން މަގުމަތީގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ ފުލުހުންނެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ މީހުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ހާލުގައި ޖެހުނު 131 މީހަކަށް ސަރުކާރުން މިހާރު ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރެއިން 20 މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނެވެ. ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅެމުން ދިޔަ 16 މީހަކަށް ހިޔާވަހިކަން ދީފައިވާއިރު، ދެން އެންމެ ގިނައީ ބޭސް ފަރުވާއަށްޓަކައި މާލެ ޒިޔާރަތް ކުރި މީހުންނެވެ. ޖަލު ބަންދަށް ފަހު މާލެ ސަރަހައްދުގައި ތިބި 11 މީހަކަށް ވަގުތީ ހިޔަލުން ޖާގަ ދީފައިވާއިރު އެހެނިހެން ބޭނުންތަކުގައި މާލެ ސަރަހައްދަށް ޒިޔާރަތް ކުރި މީހުންނާޢި ރިސޯޓުތަކުގައި ތިބި ވަޒީފާ އަދާ ކުރާ ބައެއް މީހުން ވެސް ވަގުތީ ހިޔާތަކުގައި ތިބި ކަމަށް ޖެންޑާއިން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ލޮކްޑައުންއާ ގުޅިގެން އެންމެ ގިނަ މީހުން އެތަނަށް ގުޅީ ކާބޯތަކެތީގެ އެހީތެރިކަމަށް އެދި އެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ވެސް މީހުން ގުޅިކަމަށް ޖެންޑާއިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާފައިވާ ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ކޮކާކޯލާ މޯލްޑިވްސްއިން ވެސް ކުރެ އެވެ.