އައިޖީއެމްއެޗްގައި އެޑްމިޓްކުރި މާބަނޑު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ. މިއީ، މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާބަނޑު މީހަކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ވަނަ ފަހަރެވެ.


އެޗްޕީއޭ އާއި އައިޖީއެމްއެޗުން ވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުން ފުރަތަމަ ވެސް ކޮވިޑް-19 އަސް ޓެސްޓްކުރާނެ އެވެ. މި މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރީ ބަލީގެ އަލާމާތެއް ފެނިގެން ކަމެއް ނުވަތަ ނޫން ކަމެއް ރަސްމީ އިދާރާތަކުން އަދި ކަށަވަރު ކޮށެއް ނުދެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އޭނާ މިހާރު ވަނީ، ކޮވިޑް-19 ގެ ބަލި މީހުންނަށް މިހާރު ހާއްސަކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މި މާބަނޑު މީހާ ހިމެނެނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އެޗްޕީއޭ އިން އިއުލާންކުރި 45 މީހުންގެ ތެރޭގަ އެވެ. މިއަދުގެ ކޭސްތަކުގެ ތެރެއިން އަށް މީހުންނަކީ ދިވެހިންނެވެ.

މިދިޔަ މާޗް 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން 618 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި އިސްވެ މަސައްކަތް ކުރާ ސިއްހީ އޮފިޝަލުން ދެއްވާ މައުލޫމާތަށް ބައްލަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރު މައްޗަށް ހިނގައިދާނެ ކަމަށެވެ. އެހެންވެ، ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު އެ މުއްދަތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.