އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19އާ ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އައި އެކަކު ހާލު ރަނގަޅުވެ ވެންޓިލޭޓަރުން ނަގައިފި އެވެ.


އެ މީހާ އަށް ފަރުވާދެމުން އައީ ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އުމުރުން 29 އަހަރުގެ ބިދޭސީ އެކެވެ. އަދި އޭނާއަކީ ގެއްލިގެން ހޯދުމަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހެކެވެ. އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ކޮވިޑް-19ގެ ބަލި މީހުން އެޑްމިޓްކޮށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި، ދަރުމަވަންތައް ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ އެވެ.

ކޮވިޑް-19 ޖެހިގެން މިހާރު އެޑްމިޓްކޮށް ފަރުވާދެމުން އަންނަނީ ޖުމްލަ 13 މީހުންނަށެވެ. އޭގެ ތެރެއިން 10 މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެކަކަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ފެސިލިޓީގައި އެޑްމިޓްކޮށްފައި ވަނީ ތިންމީހެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 1094 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 59 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހުން ވަނީ މަރުވެފަ އެވެ. މީގެ އިތުރަށް 1390 މީހުން ކަރަންޓީންކޮށްފައިވާއިރު 971 މީހުން ތިބީ އައިސޮލޭޝަންގަ އެވެ.