އެއް ގަރާޖަކަށް ގިނަ ވެހިކަލްތައް ރަޖިސްޓްރީކޮށް ދިނުމުގައި ޓްރާންސްޕޯޓްގެ ބައެއްގެ ބައިވެރިވުން އެބައޮތް: ނަހުލާ

އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުުލާ މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެންމެ ގަރާޖެއްގައި 200 އާ ގާތްކުރާ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރިކަަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެކަމުގައި މިނިސްޓްރީގެ ބައެއް މީހުން ރިޝްވަތު ނަގާކަމުގެ ތުހުމަތު ވެސް ބައެއް މެމްބަރުން އަމާޒު ކުރެއްވި އެވެ.

ޖަވާބުގައިި ނަހުލާ ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދި ކުރިއާ ޚިލާފަށް އެ މިނިސްޓްރީގެ މުވައްޒަފުން މިހާރު އެ ގަރާޖަކަށް އަމިއްލައަށް ގޮސް އެތަނެއް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ބައެއް މައްސަލަތައް މިހާރު ބަލަމުންދާ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ގިނަ ބަޔަކު ގުޅިގެން އެފަދަ ކަމެއް ކުރާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްގެ ބައިވެރިވުން ނެތި އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިކަހަލަ ކަންތައްތަކެއް ނުހިނގާނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީގައި އެއިރެއްގެ ތިއްބެވި ބޭފުޅުންގެ ބައިވެރިވުމެއް ނެތި. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ. އެއީ ނަހަމަ އިން ނޫނީ ނާޖާއިޒް ފައިދާ ލިބޭ ގޮތެއްގައި ކަންތައްތަކެއް ހިންގާފައި އޮތިއްޔާ އޭގެ މާނައަކީ ބަޔަކު އެއްބައިވެގެންނޭ އެކަމެއް ހިންގޭނީ އެއީ ތިން ތަނެއް ގުޅޭ ކަމެއް ކަމަށް ވަންޏާ. އެއީ އޮތޯރިޓީ އާއި ދެން އެކަމަށް އިހުމާލުވާ ފަރާތާ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ އުޅަނދުތައް އެއް ގަރާޖަކަށް ރަޖިސްޓްރީ ކުރިކަން އެނގުނަސް، އެ ހުރިހާ އުޅަނދުތައް "މަގުމަތި" ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެ އުޅަނދުތައް ޕާކް ކުރާނެ އާ ޖާގަތަކެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ހުރިހާ ޑްރައިވަރުންތަކެއް ނުވަތަ އެ ހުުރިހާ ކާރުތަކެއް ހަމަގައިމު ވެސް މަގުމައްޗެއް ނުކުރެވޭނެ. މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އަޅުގަނޑުމެން އެ ޕާކިން ސްލޮޓްތައް ދެއްކުން،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ވެހިކަލް އިތުރުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ވެހިކަލް ބޭނުން ކުރެވޭނެ އަދަދެއް އަދި ވެހިކަލް ބޭނުން ކުރެވޭނެ އުމުރެއް ކަނޑައަޅަން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ވެހިކަލް ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައަޅަން ފަށާ ނަމަ، ގިނަ ދުވަސް ވެފައި ހުރި ޓެކްސީތައް އާ ކުރަަން ފުރުސަތުތަކެއް ޑްރައިިވަރުންނަށް ދޭން ޖެހޭ ކަމަށާއި އެހެންވެ، ޓެކްސީތައް އާ ކުރަން ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުއްލިއަކަށް ވެހިކަލް ކޮންޓްރޯލް ކުރާށޭ ކިޔާފައި އެ ބޭފުޅުންނަށް އާމްދަނީ ލިބޭ ވަސީލަތް ހުއްޓުވާލެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސަރުކާރުގެ ޒިންމާއަކަށް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ފަހު ދެން އެކަންތައް ކޮންޓްރޯލް ކުރާނެ ގޮތްތަކެއް ވިސްނުން،" އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރަން އިތުރު ޕާކިން ޒޯންތައް ގާއިމް ކުރިޔަސް، ކުރީގެ ސަރުކާރުން ބެހެއްޓި މެކޭނިކަލް ޕާކިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި އެ ތަންތަން ބެލެހެއްޓުމާއި އެ ތަންތަން އަލުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.