ހަރަދުތަކާ އެކު 5،600ރ. އަށް ފްލެޓެއް ކުއްޔަށް ދެވޭނެ: މުއިއްޒު

ހުޅުމާލޭގައި ޕީޕީއެމް ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓަށް ދިޔަ ހަރަދާ އެކު، މަހެއްގެ މައްޗަށް 5،600ރ. އަށް ކުއްޔަށް ދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރު އެންމެ އިސްކަންދިން އެއް ޕްރޮޖެކްޓުގެ ގޮތުގައި އިމާރާތް ކުރި ފްލެޓްތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިމާރާތްކުރުމަށާއި ފިނިޝިންނާއި ފައިނޭންސިން ހަރަދުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް އެ ފްލެޓެއްގެ ކުއްޔަށް މަހަކު 5،600ރ. އަށް ދޫކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓު ލިބޭ މީހުން 20 އަހަރު ވަންދެން މަހަކު 5،600ރ. ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ވުމުން ރައީސް ޔާމީން އޭރު އެގޮތަށް ނިންމެވީ އެވެ. އޭރަށް އެ މުއްދަތުގައި ކުލީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކޭނެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފްލެޓުތައް އަޅާފައިވަނީ ކުދި "ކޮތަރު ކޮށިތަކެއް" ގޮތަށް ކަމަށެވެ. އެ ތަންތަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަފޫޓަކަށް 1،900ރ. ކަމަށާއި އެހެންކަމުން ކުލީގެ ގޮތުގައި 11،000ރ. ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ފްލެޓުތަކުގެ ފޮޓޯއަކާ އެކު ނަޝީދު ދެން ވިދާޅުވީ އެއީ "ދަރަނީގެ ދަންތުރައިގެ ފޮޓޯއެއް" ކަމަށެވެ.

"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ؟" ނަޝީދުގެ ޓްވީޓުގައިވެ އެވެ.

ޗައިނާ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކުންފުނި (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. އެކަމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.

އެކަމަކު އެ ލޯނުން ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނުނިމޭނެތީ، އެޗުޑީސީން މިހާރު މަސައްކަތްކުރަމުން އަންނަނީ 45 މިލިއަން ޑޮލަރުގެ ލޯނެއް ލިބޭތޯ އެވެ. އެވަރުގެ ލޯނެއް ނުލިބި، ފްލެޓްތަކުގައި ޓައިލްސް ޖެހުމާއި އެތެރޭގެ ދޮރުތައް ލުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް، އެޗުޑީސީން ބުނެފައިވެ އެވެ.

ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ހުޅުވާލުމުން 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.