ތައުލީމީ ދާއިރާގެ ޝަކުވާ: ވާނުވާއެއް ނޭނގޭ!

އަންނަ މަހުގެ 1 ގައި ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށުމުގެ ތައްޔާރީތައް ވާން ސްކޫލުތަކަށް މިހާރު ވަނީ އަންގައިފަ އެވެ. ނަމަވެސް ތިން މަހަށް ފަހު ކިޔެވުން ދެން ކުރިއަށްގެންދާނެ ގޮތުގެ ފުރިހަމަ މައުލޫމާތެއް ބެލެނިވެރިންނާ އަދި ހިއްސާއެއް ނުކުރެ އެވެ. މި އަހަރުގެ ކިޔެވުން އިތުރު ހަ މަހަށް ދަންމާލައި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދުތެރެއަށް ބަދަލުކުރުން ފަދަ ތައުލީމީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނެސް އެކަން ހާމަކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެވެ.


"ބޮޑެތި ނިންމުންތައް ނިންމާލައި، ބަޔާނެއް ނެރެލައި ނުވަތަ ޓްވީޓެއް ކޮށްލުމަކީ އޭގެ ހައްލެއް ނޫން،" ސްކޫލެއްގެ އިސް ބޭފުޅަކު ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

"ތައުލީ ދާއިރާ އަކީ ރާއްޖޭގެ އެންމެ ބޮޑު ދާއިރާ. އާންމުންނަށް ވާނުވާ އެނގެން ޖެހޭނެ. އަޅުގަނޑުމެންނަށް ވެސް ގިނަ ކަންކަން މި އެނގެނީ މީޑިއާތަކުން. އެއީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫން."

އެކަމުގެ ޝަކުވާތައް ކުރައްވަމުން ސްކޫލެއްގެ އެހެން ވެރިޔަކު ވިދާޅުވީ ޕްރިންސިޕަލުންނާ އެކު މިދިޔަ ހޮނިހިރު ދުވަހު ކޮންފަރެންސް ކޯލެއް ބާއްވައި ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަނުން މިނިސްޓްރީން ވާހަކަ ދެއްކި ކަމަށެވެ. އެކަމަކު ތިން މަސް ވެގެން ދިޔައިރު، ހަގީގަތުގައި ބޭނުންވާ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މި ރަށުގައި ބެލެނިވެރިން ވެސް ވަރަށް ގިނަ ސުވާލުތައް ކުރިމަތިކުރުވާ. އެކަމަކު އަޅުގަނޑުމެންނަށް އެއަށް ދޭނެ ޖަވާބެއް ނެތް،" ރަށެއްގެ ސްކޫލެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު އެންމެ ކުޑަވެގެން ސްކޫލު ހުޅުވޭތޯ، ހުޅުވަނީ ކިހިނެއްތޯ، ކޮން ކުދިންނަކަށްތޯ ކިހާ އިރަކުތޯ ކިޔަވައިދެނީ މިއީ ރަސްމީކޮށް އެޑިއުކޭޝަނުން ބުނެފައި ހުންނަން ޖެހޭނެ ކަންކަން. މައުލޫމާތު ފެތުރުމުގައި އެޑިއުކޭޝަން އޮތީ ވަރަށް ފަހަތުގައި. ޕްރެސް ކޮންފަރެންސެއްގައި ވެސް އެ މިނިސްޓްރީގެ މީހަކު ނުފެންނަތާ ދެ މަސް ވަނީ."

ހަމައެއާ އެކު، އަލުން ސްކޫލުތައް ހުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކާ ބެހޭ ސާކިއުލާއެއް ނެރުނު އިރު، އެކަމާ ބެހޭ މައުލޫމާތު އާންމުކޮށްފައި ނުވުމަކީ ވެސް ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. ބައެއް ޓީޗަރުން ތިބީ ވާނުވާ ނޭނގިފަ އެވެ. ބައެއް ޕްރިންސިޕަލުންނަށް ވެސް ބައެއް ކަންކަން ވަނީ އޮޅިފަ އެވެ. އެ އަށް ވުރެ ބޮޑަށް ދަރިވަރުން ތިބީ ދެން ހަދާނީ ކީއްކަން ނޭނގިފަ އެވެ.

ސްކޫލުތައް ހުޅުވުމާއި ކިޔަވައިދިނުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން ވަރަށް ގިނަ މީހުން މައުލޫމާތު ހޯދަން ޓީޗަރުންނާއި އެ ދާއިރާގެ މީހުންނަށް ފޯނުން ވެސް ގުޅާ ކަމަށް ވެ އެވެ. އަދި ސްކޫލުތަކަށް ވެސް ގުޅާ ހަދާ ކަމަށް ވެ އެވެ. އެކަމަކު ދޭނެ ވަކި ޖަވާބެއް ނޯވެ އެވެ.

"ސްކޫލުތަކުގެ ބަޖެޓު ވަރަށް ކުޑަކޮށްފި. ނިއު ނޯމަލް އަށް ކިޔަވައިދޭން ތައްޔާރުވާން ކުރެވޭނެ ކަމެއް ނެތް. ކުދިން އަތް ދޮންނަން ބޭނުންވާ ތަންތަން ތައްޔާރުކުރުމާއި ސެނަޓައިޒާ ހޯދުމުގެ އިތުރުން ވެސް އެބަހުރި ކަންކަން. ސްކޫލުތަކަށް މައުލޫމާތު ނުލިބޭތީ އެ ކަންކަން ބެލެނިވެރިންނަށް ވެސް ހިއްސާ ނުކުރެވެނީ،" ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ތެދު ތެދަށް ބުނަންޏާ، މެނޭޖްމަންޓް ކޯޑިނޭޝަނަށް ވެސް ނުވޭ. އިމްޕްލިމެންޓް ކުރަން ކުރަންވީ ކީއްކަމެއް ވެސް ނޭނގޭ. ހަތަރު މަސް ވެގެން ދާއިރު ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ. އެތަކެއް ބައިވަރު ޓީޗަރުން އެތިބީ ރަށްރަށަށް ގޮސް. ބެލެނިވެރިންނާއި ދަރުވަރުން ވެސް ވަނީ ރަށްރަށަށް ގޮސްފައި. އަނެއްކޮޅުން ސްކޫލުތައް ހުޅުވާ ވާހަކަ މާ ނޫން ގޮތަކަށް އެބަ ދެކެވޭ. ހަދަންވީ ގޮތެއް ވަރަށް ސާފުކޮށް އެނގެން އެބަ ޖެހޭ."

ރައްކާތެރި މާހައުލެއްގައި ކިޔަވައިދިނުމަށް ގިނަ ކަންތައްތަކެއް ކުރަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ. އޭގެ ތެރޭގައި، ސްކޫލު ގޭޓު ދޮށުން ދަރިވަރުންގެ ހުން ބެލުމާއި އަތް ދޮންނާނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. އޭގެ ފަހުން ނިއު ނޯމަލްގައި، ހަފުތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު ކިޔަވައިދީ ކަންކަން ހަމަޖެއްސުމަށް އެދި ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލުން އަމަލުކުރަންވީ ގޮތުގެ ސާކިއުލާ ފޮނުވި ނަމަވެސް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ދަރިވަރުންގެ ކިޔެވުމަށް ދެން ވާނެ ގޮތް ނޭނގުމެވެ. މި އަހަރުގެ އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ މެއި ޖޫން މަހަށް ފަސްކޮށްލުމުން، އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ވެސް ވަނީ ޖޫން މަހަށް ފަސްކޮށްލައިފަ އެވެ.

"ތެދު ތެދަށް ބުނަންޏާ، މެނޭޖްމަންޓް ކޯޑިނޭޝަނަށް ވެސް ނުވޭ. އިމްޕްލިމެންޓް ކުރަން ކުރަންވީ ކީއްކަމެއް ވެސް ނޭނގޭ. ހަތަރު މަސް ވެގެން ދާއިރު ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ. އެތަކެއް ބައިވަރު ޓީޗަރުން އެތިބީ ރަށްރަށަށް ގޮސް. ބެލެނިވެރިންނާއި ދަރުވަރުން ވެސް ވަނީ ރަށްރަށަށް ގޮސްފައި. އަނެއްކޮޅުން ސްކޫލުތައް ހުޅުވާ ވާހަކަ މާ ނޫން ގޮތަކަށް އެބަ ދެކެވޭ. ހަދަންވީ ގޮތެއް ވަރަށް ސާފުކޮށް އެނގެން އެބަ ޖެހޭ."

އެހެން ސްކޫލެއްގެ ލީޑިން ޓީޗަރަކު ބުނިގޮތުގައި، މި ހާލަތުގައި ސްކޫލުތަކަށް ބޭނުންވާ ހުރިހާ މައުލޫމާތުތައް ހިއްސާކުރާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ގޫގުލް ކްލާސްރޫމާއި ޓެލެކިލާސް ބަރާބަރަށް ނަގަމުން ދަނިކޮށް، އެ ކްލާސްތައް ހުއްޓާލަން ކުއްލިއަކަށް މިދިޔަ މަހުގެ ތެރޭގައި އެންގި ކަމަށާއި ކަންތައް ކުރަންވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ޓެލެކިލާސްގެ ކިޔެވުން ވަކި ހިސާބަކުން އެޑިއުކޭޝަން މިނިސްޓްރީން ފެށި އެވެ.

"މި އަހަރުގެ އެކަޑެމިކް ކަލަންޑަރަކަށް ބަދަލެއް ނާދޭ. ދެން ކުރިއަށް ދާންވީ ކިހިނެއް ކަމެއް ނޭނގޭ. އަންނަ ޖޫން މަހާ ހިސާބަށް ކިޔެވުން ދަންމާލަންޏާ ފިލާވަޅުތައް ކުރިއަށްގެންދާނީ ކިހިނެއްތޯ އެބަ ޖެހޭ އެނގެން. އެއީ ބެލެނިވެރިންނަށް އެނގެން ޖެހޭ މައުލޫމާތުތައް. އަންނަ އަހަރުން ފެށިގެން ހެލްތުގެ ބައެއް ކިޔަވައިދޭނެ ކަމަށް އެބަހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ހާމަކޮށްފައި. އެހެންވާ ނަމަ މިހާރު ކިޔަވައިދޭ މާއްދާތަކުން އުނިކުރަނީ ކިހާ އެއްޗިއްސެއް ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަތަރު ގަޑިއިރަށް ސެޝަންތައް މަދުކޮށްލި ނަމަވެސް ޓީޗަރުންގެ މަސައްކަތަށް އެއްވެސް ލުއެއް ނުލިބެ އެވެ. އޭގެ ބަދަލުގައި މަސައްކަތް ބުރަވިއަސް އެކަމާ ބެހޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސް ރޫމުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި މި ބަލިމަޑުކަމުގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ތައުލީމީ ދާއިރާ އެވެ. ހާސްކަމުގައި، ގޭތެރޭގައި ތިން މަސް ދުވަހު ހޭދަކުރިއިރު ދަރިވަރުންގެ ކިޔަވައިދިނުން އެކަށީގެންވާ ގޮތެއްގައި ގެންގޮސްފައެއް ނުވެ އެވެ.

"ވަރަށް ކަޑަކޮށް ދިޔައީ. އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ކަން އެނގިގެން ދިޔައީ. ތިން މަސް ތެރޭގައި ވަރަށް މަދު ފިލާވަޅުތަކެއް ދިނީ. ޓީޗަރުންނާ އިންޓަރެކްޓުވުމުގެ އެއްވެސް ކަމެއް ނެތް،" ބެލެނިވެރިއަކު ބުންޏެވެ.

މި ޝަކުވާތަކާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަމާ ބެހޭ މައުލޫމާތު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރައްވާނެ ކަމަށެވެ.

ތައުލީމީ ދާއިރާ އަކީ އެތައް ހާސް ކުދިންނަކާއި އެތަކެއް ހާސް ބެލެނިވެރިންނާ ގުޅުން ބޮޑު މައްސަލައެކެވެ. މިއީ އެންމެ ފުޅާދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ އެއް ދާއިރާ އެވެ.