ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ޖާގަ ކުޑަ ކަމަށް ބުނެ މި ސަރުކާރުން އޮޅުވައިލަނީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓު ހަވާލު ނުކުރެވި މި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށާއި އެއީ ގިނަ ބަޔަކަށް ނޫޅެވޭނެެ ވިދާޅުވެ، އެ މަޝްރޫއަށް ފާޑު ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާ މަޝްރޫއު ހިންގެވުމުގައި އޭރު އިސްކޮށް ހުންނެވި، ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓްތަކާ ބެހޭގޮތުން މި ސަރުކާރުން ވާހަކަ ދައްކަނީ ކަންކަން އޮޅުވާލައިގެން ކަމަށެވެ. އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިޔަސް، ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތް ކުރި ފްލެޓްތަކަށް ވުުރެ ޖާގައިގެ ގޮތުން ތަނަވަސް ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުޅެނީ އެކި ބަހަނާތައް ދެއްކުމުގަ އެވެ.

"މި ފްލެޓުތަކުގައި 572 އަކަފޫޓު އިންނާނެ، ދެ ކޮޓަރި އާއި ދެ ފާހާނާ އާއި ސިޓިންރޫމާއި ބަދިގެއާ އެކު. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅަން ފަށާފައި، ވަހީދުގެ ސަރުކާރުގައި ހަވާލު ކުރެވުނު 1،000 ފްލެޓުތަކެއް ހުންނާނެ. އެ ތަންތަނުގެ ސައިޒު ނިސްބަތުން ކުޑަވާނެ މި ތަންތަނަށް ވުރެ ވެެސް." އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތައް ހަވާލު ކުރުން ލަސް ކުރަމުން ދިއުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހައްގު ގެއްލެމުންދާ ކަމަށާއި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރަން ވެސް މިހާރު ނުކުންނަން ޖެހޭ ކަމަށެވެ. އެ ފްލެޓްތައް ދޫކުރެވޭނީ އެއްކޮށް ނުނިންމައި، ކަމަށް ސަރުކާރުން މިހާރު ބުންޏަސް ޔާމީންގެ ވެރިކަމުގައި އެ ތަންތަން ދޫކުރަން ނިންމާފައި އޮތީ ހުރިހާ ކަމެއް ނިންމައިި އަދި މިހާރަށް ވުރެ ކުޑަ އަގުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މިހާ ދެރަކޮށް ރައްޔިތުންނާ ދޭތެރޭގައި ކަންތައް ކުރައްވާތީ. އޭގެ ސަބަބުން ރައީސް ޔާމީނާ ދޭތެރޭގައި ނަފްރަތު އުފެދޭނެ ކަމަށް ހީކުރެއްވިޔަސް އަޅުގަނޑު ހިތުން އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވި އޮތީ ކުރީގެ ސަރުކާރުން އެ ތަންތަން ދޭން ނިންމީ އިންސާފުވެރިކޮށްތޯ ބެލުމަށް ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަސައްކަތް އަންނަ މަހު ނިންމައި، މި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.