ބޮޑުފިނޮޅު މައްސަލަ: މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

ސައްހަ ޑޮކިއުމެންޓެއް ނެތް ބިދޭސީންތަކެއް ލައްވައި، ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި، އެތައް މަހެއް ވަންދެން މުސާރަ ނުދިނުމާއި، އެތަނުން އެމީހުން ފޭބިޔަނުދީ ގެންގުޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ހިންގެވި، ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށް ތުހުމަތުކުރެވުނަސް، އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ނުބަލާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު ރިޒާގެ ރިޒް މޯލްޑިވްސް ކުންފުނީގެ ދަށުގައި ތިބި 200 އެއްހާ ބިދޭސީން ބޮޑުފިނޮޅުގައި 13 ދިވެއްސަކު ރަހީނުކޮށް، އެތަނުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާ ވެސް ކުރިމަތިލި އެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުން އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ބޮޑުފިނޮޅުގައި އެ ބިދޭސީން މީގެ މަސްތަކެއް ކުރިން ހިމޭން މުޒާހަރާއެއްކޮށް ހައްލު ނުލިބުމުން އުފެދުނު ރުޅިވެރިކަމުގައި ދިވެހިންތަކެއް ރަހީނުކުރުމުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ އިރު އެ މީހުންނާ މެދު ގިނަ ދުވަސްތަކެއް ވަންދެން ލާއިންސާނީ އަމަލުތަކެއް ހިންގި މީހުންނާ މެދު ފިޔަވަޅު ނޭޅިދާނެ ކަމުގެ ބިރު އެބަ އޮތެވެ. އެ ފާޑުކިއުންތަކާ އެކު އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އުޅެނީ، 4،000-7،000އާ ދެމެދުގަ އެވެ. ބައެއް މީހުންނަށް ހަ މަހުގެ މުސާރަ ނުދީ ތިބި ކަމަށް މި މައްސަލައިގައި މުސާރަ ނުދީ ތިބި ބިދޭސީންނާއި ދިވެހިންގެ ހައްގު ހޯދަން މަސައްކަތް ކުރަމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުންޏެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބިދޭސީން ކުރި ހިމޭން މުޒާހަރާ. މުސާރަ ނުދީގެން ހަމަނުޖެހުން ފާޅުކުރުމުން ކާން ދިނުން ހުއްޓާލީ ކަމަށް ތުހުމަތުކުރެވޭ.

މަޖިލީހުގެ މެމްބަރެއްގެ ކުންފުންޏަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑު މައްސަލައެއް މި ފެންމަތިވީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު، ސިޔާސީ ނުފޫޒާ ހެދި އެކަށީގެންވާ ގޮތެއްގައި ނުކުރާ ކަމުގެ ކަންބޮޑުވުން ވެސް އުފެދިފައި ވަނިކޮށެވެ.

މިކަމަށް އިޝާރާތް ކުރައްވައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ނާޒުކު މީހުންގެ ގޮތުގައި، މި ގައުމުގައި ބަލަނީ ހިއުމަން ޓްރެފިކްކުރާ މެމްބަރުންނާއި މީހުން ރޭޕްކުރާ "ރޯޔަލްޓީ"ން ކަމަށެވެ.

ޑރ. ޝަހީދުގެ ޓުވީޓެއް.

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މަސައްކަތްތެރިންނަށް ބޮޑު ހިމާޔަތެއްގެ ގޮތުގައި ސިފަކުރައްވައި އަލީ ރިޒާ ކުރެއްވި ޓުވީޓަކަށް ވެސް އޭނާގެ އަމަލުތަކާ ގުޅުވައި އިންތިހާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އަލީ ރިޒާގެ ޓުވީޓް.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގެ ތުހުމަތު ރިޒް އާއި ރިސޯޓް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން އަޅުވަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގަ އެެވެ. ރިޒް އިން ބުނާ ގޮތުގައި މުސާރަ ނުދެވުނީ ސީލް އިން ބިލްތަކަށް ފައިސާ ނުދައްކާތީ އެވެ. ސީލް އިން ބުނީ އެއްބަސްވުންތަކުގެ އަގު ކަމަށްވާ 12 މިލިއަން ރުފިޔާއަށް ވުރެ ވެސް އިތުރަށް، މިހާތަނަށް 21 މިލިއަން ރުފިޔާ، ރިޒް އަށް ދައްކާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބިދޭސީންނާ މެދު ގާނޫނާ ޚިލާފު އަމަލުތަކެއް ހިނގަމުންދާ ކަން މާ ކުރިން ރިޒް ކުންފުންޏަށް އެނގޭ ކަން އެ ކުންފުނިން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ މުސާރަ ނުލިބިގެން ބިދޭސީން ހިމޭން މުޒާހަރާއެއް ކުރި ކަމާއި އޭގެ ފަހުން ބިދޭސީން ޝަކުވާކޮށްފައިވާ އިރު ވެސް މުސާރަ ނުދީ ހުރި ކަމަށް ރިޒްގެ ފަރާތުން އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނާއި މީޑިއާގައި ރިޒާ ދައްކަވާފައިވާ ވާހަކަތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ހިނގަމުންދާ ކަން އެ ކުންފުންޏަށް އެނގޭކަން ރިޒްގެ ނޫސް ބަޔާނުން ވެސް ސާފެވެ.

"ސުވާލަކީ އެކަން އެނގި ހުރެ އެކަށީގެންވާ ފިޔަވަޅެއް އެޅިތޯ؟ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނެތް. ގާނޫނީ ގޮތުން ބަލާއިރު އެ ކުންފުނީގެ ވަރަށް ބޮޑެތި ޒިންމާތަކެއް އެބަހުރި. އެހެންވެ ގާނޫނުގައި އެ ބުނާ ގޮތަށް އެ ކުންފުންޏާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

"މިހާ ބޮޑު ކަމެއް ހިނގައިދިޔައިރު އެ ކުންފުނީގެ ބަހެއް މިހާރު އޮންނަން ވާނީ ހޯދިފައި."

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި މައްސަލައިގައި ތުހުމަތު ކުރެވިފައި "ޚާއްސަ އުސޫލުތަކަކުން" މި މައްސަލައިގައި އަމަލުކޮށްފާނެތީ އާއްމުންގެ ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކަވަމުން އުޝާމް ފާހަގަކުރެއްވީ ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަވާން ޖެހޭ ކަމެވެ.

"އެއީ، އެމްޕީއެއް ކަމަކު، އެހެން މީހެއް ކަމަކު ގާނޫނު ތަންފީޒު ކުރުމުގައި ހަމަހަމަވާން ޖެހޭނެ. އެ ކަހަލަ މައްސަލައެއްގައި މެމްބަރެއް ކަމަކު ގާނޫނުން ވަކި ހާއްސަ އިމްތިޔާޒްތަކެއް ލިބިގެން ނުވާނެ. ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" އުޝާމް ވިދާޅުވި އެވެ.

ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުން ވެސް އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ޓްރެފިކިންގެ އަމަލު ހިންގެވި ކަމަށް ތުހުމަތުވާ މެމްބަރު، ރިޒާގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ. އެކަމަކު މެމްބަރެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވުމަކީ ގޮނޑި ގެއްލޭ ކަމެއް ނޫނެވެ. މެމްބަރުކަން ގެއްލޭނީ އެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެވެ.

ރިޒް ކުންފުންޏާ ބެހޭ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު "މިހާރު"ން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް ރިޒް ކުންފުނީގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ. ސުވާލުކުރީ ރިޒާއާ ކަމެއް ނުވަތަ ކުންފުނީގެ ވަކީލުންނާ ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ މި މައްސަލައިގައި އެ މިނިސްޓްރީ ނުވަތަ ބެލުމުގެ ދަށުގައިވާ އިމިގްރޭޝަން ފަދަ އެހެން މުއައްސަސާތަކުން ވެސް އެޅި ފިޔަވަޅެއް ސާފުވާން ޖެހޭ ކަަމަށެވެ.

ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން: "ޖަވާބުދާރީ ނުކުރެވޭ"!

ހިއުމަން ޓްރެފިކިން އާއި އެކަމާ ގުޅުން ހުރި ކޮރަޕްޝަންގެ ވާހަކަ ދެކެވޭތާ އެތައް އަހަރެކެވެ. އެކަމަކު އެ މައްސަލައިގައި ހައްލެއް ހޯދިފައި ނެތުމަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ވެސް ކަންބޮޑުވުމެކެވެ.

އެ ޖަމިއްޔާގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ މި މައްސަލަ އަށް ހައްލު ނުލިބޭ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ހިއުމަން ޓްރެފިކިންއާ ގުޅިފައިވާ ކޮރަޕްޝަން ހިންގާ ފަރާތްތައް ޖަވާބުދާރީ ނުކުރެވުމެވެ. ޖަވާބުދާރީ ކުރުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އިގްތިސާދީ އިންޖީނުގެ ނިޒާމު ބައްޓަންކޮށްފައި ވަނީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) އާއި ކޮރަޕްޝަންގެ މައްޗަށް ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަން ދާއިރާ އަށް ބަލާލިއަސް މިކަން ސާފުވާނެ. އެހެންކަމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާއިރު، މި ސިނާއަތްތަކުގައި ސީދާ މަސްލަހަތު އޮންނަ، ނުވަތަ އިންސާނީ ވަގުފާރިއާ ކޮރަޕްޝަންގައި ޖެހިފައިވާ ފަރާތްތައް ސިޔާސަތާއި ގާނޫނާއި ނިޒާމު ބައްޓަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހިނދު، އެ އޮތީ އަމިއްލަ ވިޔާފާރީގެ މަސްލަހަތާއި، އާންމު މަސްލަހަތު ކަމަށްވާ އިންސާނީ ވަގުފާރިއާ ކޮރަޕްޝާން ހުއްޓުވުމުގެ މަސްލަހަތާ ފުށުއަރާފައި،" އައިމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިން އާއި ކޮރަޕްޝަން ހުއްޓުވުމަށް ވެސް އެފަދަ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ގާނޫނާއި ސިޔާސަތު ހެދުން ފަދަ ކަންކަމުން އެމީހުން ދުރުކުރަން ޖެހެ އެވެ.

އެކަމަކު މި މަސްލަހަތާ އެކު ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ހެދުމާއި ސިޔާސީ ބާރުވެރިކަމުގައި ނުފޫޒާ އެކު މައްސަލަތައް ނުބެލި ދިއުމަކީ ކަންބޮޑުވުމެކެވެ؛ ހިއުމަން ޓްރެފިކިންގެ މި ބޮޑު ޖަރީމާ ހިންގި މީހުންނާ މެދު ވެސް އެކަށީގެންވާ ފިޔަވަޅު ނޭޅޭނެ ކަމުގެ ކަންބޮޑުވުން އޮތީ ކުރިން ވެސް އެފަދަ މައްސަލަތައް ނުބެލި ދޫވެފައި އޮތުމުންނެވެ.