ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އެސެެޓް ރިކަވަރީ ކޮމިޝަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގަށް ބޭނުންވާ މުހިއްމު ބައެއް މައުލޫމާތު ދައުލަތުގެ ބައެއް މުއަައްސާތަކުން ގެއްލުވާލާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް އެ މައްސަލަ ތަހުގީގުކުރާ އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ކޮރަޕްޝަނުގެ ތެެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގާ ބެހޭ މައުލޫމާތެއް ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްްއަދު ތުހުމަތު ކުރެއްވި ގޮތުގައި މައުލޫމާތުތައް ނައްތައިލުމުގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ބައިވެރިވެފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި ހުންނަން ޖެހޭ ލިޔެކިއުންތަކެއް ބެލެހެއްޓުމަކީ ހަަމައެކަނި މިނިސްޓަރުގެ ޒިންމާއެއް ނޫން ކަމަށާއި އެއީ އެތަނުގެ ސިވިލް ސާވިސް މުވައްޒަފުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއަށް [މައުލޫމާތު ރައްކާކޮށް ބެލެހެއްޓުމަށް] ޕްރޮސެސްއެއް އެބަ އޮތް. ޕްރޮސީޖާއެއް އެބަަ އޮތް. އެކަން ނުވާ ކަމަށް ވަންޏާ ސިވިލް ސާވިސް ކޮމިޝަަނަށް ވެސް އެކަން ހުށަހަޅުއްވާށޭ. އެހެން ނުވާ ކަމަށް ވަންޏާ ބާރުތައް ވަކިވާ ކަމަކަށް ނުވާނޭ،" އަސްއަދު ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގައި ވެސް ބައެއް ލިޔެކިއުން ގެނެސްފައި ހުރީ އަމިއްލަ ފަރާތްތަކުންނެވެ. އެއީ ސަރުކާރުގެ އިދާރާތަކުން އެ މައުލޫމާތު ނުފެނިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި ހުންނަން ޖެހޭ މައުލޫމާތު ނުހުންނަކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް މީހަކު ނަގާފައިވާ ލޯނެއްގެ މައުލޫމާތު އެ ކުންފުނީގައި ނެތުމެވެ.

"އިއްޔެ އަޅުގަނޑުމެން އެޗްޑީސީ އަށް ދިޔައިން. މީހެއްގެ ލޯނެއް އަޅުގަނޑުމެންނަށް އެބަ ފެެނޭ، ބޭންކުން އެޗްޑީސީގެ ލޯނެއް އޮތްކަން. އެޗްޑީސީގެ ރެކޯޑްސް އަކުން ނުފެނޭ،" އަސްއަދު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ލަސްވި ސަބަބެއް ކަމަށް ވެސް އަސްއަދު ވިދާޅުވީ ބައެއް ތަންތަނުން ހޯދަން ޖެހޭ މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްްސް އިން ބައެއް މައުލޫމާތު ދޭން އެތައް ދުވަހެއް ވަންދެން ދެކޮޅު ހެދި ކަމަށާާއި އެ މައުލޫމާތު ލިބެން ފެށީ ކޯޓުން އެންގުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުނީ އެފަދަ ޖަރީމާތަކަށް ފަހި މާހައުލެއް ރާއްޖޭގައި އޮތުމުން ކަމަށާއި އެފަދަ ބައެއް ކަންތައްތައް އަދިވެސް ހުރީ އެގޮތުގައި ކަމަށް ވެސް އައްސަަދު ވިދާޅުވި އެވެ. ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ ފޮނުވައިފަ އެެވެ. ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި އަޅަން ފެންނަ ބައެއް ފިޔަވަޅުތައްް އެރިޕޯޓްގައި ހުންނާނެ ކަމަށް އަސްއަދު ވިދާޅުވި އެވެ.