ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ތައްޔާރު: ރައީސް

ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވައި ކަމަށާއި އެ ބޭފުޅުންގެ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

"ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް އަޅުގަނޑު އަބަދު ވެސް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު ރާއްޖެ އަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާ އެކު ކުރި މަސައްކަތުން ކަމަށާއި އެހެންކަމުން މިނިވަންކަން ދެމިއޮންނާނީ ވެސް ސުލްހައިގެ މަތީގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރާނީ ވެސް، ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ހާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށެވެ. މިނިވަން ގައުމެއްގެ އުފަލާއި ފަހުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ މުޖުތަމައުގައި، އެހެން ގައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ތެރެއިންވެސް މި ހަގީގަތް އިތުރަށް ޔަގީންވެއްޖެ. އެއްވެސް ގައުމަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެގެން ނޫޅެވޭނެކަން މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައި ވެސް މަސައްކަތް ކުރަން ޖެހިފައި މިވަނީ ހުރިހާ ގައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާއިރު އެކަމުން ވެސް ރައްކާތެރިވެވެން އޮތީ ހުރިހާ ގައުމެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެކަމަށް ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ފަހުރުވެރި ގައުމީ ޝަހުސިއްޔަތުގެ ބިންގަލަކީ، މާތް ވެގެންވާ އިސްލާމްދީން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ބިންގަލުގެ މަތީގައި ދިވެހި ގައުމިއްޔަތުގެ ބިނާކޮށް، އާރާސްތުކޮށްދިން ތަނބުތަކަކީ ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަހުގެ އިތުރުން ތާރީހާއި ސަގާފަތް ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ. ދިވެހި މުޖުތަމައުން މި ސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކު ވެސް އެދޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ ހަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަހުރުވެރި ދުވަހަކީ، އެ ގައުމެއްގެ މިނިވަން ދުވަސް ކަމަށެވެ.

"މިނިވަން ދުވަހަށް، މިހާ މަތީ ދަރަޖައެއް ދެވިފައިވަނީ، އިންސާނާގެ އަމިއްލަ ޒާތާއި މިނިވަންކަމާ ގުޅިފައިވާ މިންވަރުގެ ސަބަބުން. ކޮންމެ އިންސާނަކުމެ ދުނިޔެ އަށް ނޭވާލާން ފެށުމާ އެކު، އޭނާގެ ޒާތާ ގުޅިފައިވާ އެންމެ މަތިވެރި ހައްގަކީ، އަދި އެއްވެސް ހާލެއްގައި އޭނާއާ ވަކިނުކުރެވޭނެ ހައްގަކީ، މިނިވަންކަމުގެ ހައްގު،" ރައީސް ވިދާޅުވި އެވެ.

"މި ހަގީގަތަށް ނަޒަރު ހިންގާއިރު، ގައުމެއްގެ މިނިވަންކަމަކީ، މިނިވަން ދައުލަތެއް ވުޖޫދުވެފައިވާ ކަމުގެ އެންމެ އަލިގަދަ ހެކި. އަދި އެއީ ބައިނަލްއަގުވާމީ މުޖުތަމައުގައި، ހަމަހަމަކަމާ އެކު ބަސްބުނުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އެ ދައުލަތަކަށް ލިބިގެންވާ ސަބަބު ވެސް މެ."

މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.