ވެންޓިލޭޓަރުތަކުގެ މައްސަލަ އިން ފިނޭންސް މިނިސްޓަރު އަމީރަށް ބޯދަމައެއް ނުގަނެވޭނެ: ޝިޔާމް

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.


ކޮރަޕްޝަން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ރަނގަޅު ގޮތަަކީ ފިނޭންސް މިނިސްޓަރު އަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ގަވައިދާ ހިލާފަށް ކަމެއް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި އޮތަސް އެ ކޮރަޕްޝަންތަކުގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ރައްޔިތުން ގެއަށް ވައްދާފައި ރައްޔިތުންގެ މާލިއްޔާ ދޮވެލި ވާހަކަ. ރައްޔިތުން ކައިރީ އަތް ދޮންނާށޭ ކިޔާފައި ރައްޔިތުންގެ މާލިއްޔާ މި ސަރުކާރުން ދޮވެލި ވާހަކަ ފިނޭންސް މިނިސްޓަރު މީގެ އެންމެ އަޑީގައި ހުރެގެން. މި އޮޑިޓް ރިޕޯޓްތަކުގައި އެހެން ހުއްޓަކަސް ފިނޭންސް މިނިސްޓަރަކަށް މިއިން ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި. އޭނާ ތުހުމަތުކުރެއްވީ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އަމީރުކަމަށް.

އޭނާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމުން އެއީ ވަރަށް ބޮޑު ވާހަކައެއް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކަށެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ހަސަން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކޮރަޕްޝަން މައްސަލައިގައި ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް ފައިސާ ދޫކުރުމުގެ އިންތިޒާމު މިހާރު އޮތް ގޮތް ރަނގަޅު ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީގައި ހުންނަ ފައިނޭންޝަލް އެގްޒެކެޓިވްއެއް އެޕްރޫވްކޮށްްލައިގެން ފައިސާ ދޫކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ފިނޭންސް މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަކަށް ގާނޫނާ ގަވައިދުގެ ތެރެއިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ފިނޭންސް މިނިސްޓްރީން ވެސް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް،" ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ހަސަން ވިދާޅުވި އެވެ.

މުޅި އެމްޑީޕީ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި ޝިޔާމްގެ ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ހަސަން ވިދާޅުވީ، ޝިޔާމް ހައްދަވަނީ ކަނޑައެޅިގެންް ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ވެސް އިއްޔެ ނެރެފައިވާކަމަށާއި އޮޑިޓާ ޖެނެރަލް ޑިފެންސް މިނިސްޓަރަށް ދެއްވާފައި ވަނީ "އޭ ޕްލަަަސް" ކަމަށެވެ.

"އެއްވެސް ކޮރަޕްޝަނެއް ނެތްކަން އެ އޮތީ ސާފުކޮށް ބަޔާންކޮށްގައި ޑިފެންސް މިނިސްޓްރީގެ އެ އޮޑިޓް ރިޕޯޓްގައި. އެ މިނިސްޓްރީ ހިންގަަވަން ވަޑައިގެން އެ ހުންނެވީ އެމްޑީޕީގެ ފަޚުރުވެރި މެމްބަރެއް،" ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވި އެވެ.

އޭނާ ނެންގެވީ ރަނގަޅު ނުކުތާއެއް ކަމަށް ރިޔާސަތުން ހަސަން އަފީފު ވިދާޅުވިި އެވެ.

ޝިޔާމް ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މަތިން ހަނދާން ނެތުނީ އެއީ އެންމެ ދެ ސަފްހާގެ ކުރު ރިޕޯޓަކަށް ވާތީ ކަމަށެވެ. ކޮވިޑާ ގުޅޭ ކަންކަމަށް ބިލިޔަަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އިރު ރައްޔިތުންނަށް އޭގެ ފައިދާ އެއްގޮތަކަަށް ވެސް ނުކުރާ ކަަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

އިއްޔެ އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށެވެ. ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު މި ކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ، މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި އޮތީ ސިޓީގައި ވެސް ފެންނަ ގޮތުގައި އެދިވަޑައިގަތީ މާލިއްޔަތު ގަވާއިދުގެ ތެރެއިން [ހެލްތު މިނިސްޓްރީގެ] ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރަން. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. ފިނޭންސް މިނިސްޓަރު މީގައި ގޯހެއް ހަދަފައިވާ ކަމަކަށް މި އޮޑިޓުގެ ތެރެއިން ފާހަގައެއް ނުކުރެވޭ،" އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން އެނގުނީ ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށާއި ވެންޓިލޭޓަރު ގަންނަން ރާއްޖޭގެ އެހެން ދެ ކުންފުންޏަކާ ހަވާލުކުރުމުގައި ވެސް ގޯސްތައް ހަދާފައި ހުރި ކަމެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ނުގަވައިދުން ފައިސާ ހަރަދުކޮށްފައިވާކަން އޮޑިޓުން ވަނީ އެނގިފަ އެވެ.