ރޭގަނޑު ޑެލިވަރީ ކުރެވޭނެ ގޮތެއް ހަމަޖައްސަން އެދި މުޒާހަރާކޮށްފި

ރޭގަނޑު 8:00 ން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކުރުމުން ރެސްޓޯރަންޓް/ކެފޭ ހިންގަން ދަތިވާކަމަށް ބުނެ، ޑެލިވަރީ ކުރެވޭނެ ގޮތް ހަމަޖައްސަދޭން ގޮވާލައި މިއަދު މުޒާހަރާކޮށްފި އެވެ.


ދަރުބާރުގޭގައި ހިންގާ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ކުރިމަތީގައި މެންދުރު 12:00 އިން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިސްވެރިއަކާ ބައްދަލުކުރަން އެ މުޒާހަރާކުރި ކެފޭތަކުގެ މީހުން ވަނީ އެދިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް ހަރުކަށިކޮށް މީހުން އެއްވެ އުޅޭ ވަގުތުތަށް މަދުކުރަން އެޗްއީއޯސީ އިން ރޭ ނިންމީ، ރޭގަނޑު 8:00 އިން ފެށުގެން ވެހިކަލް ދުއްވުން މަނާ ކުރާށެވެ. އަދި އެ ވަގުތު ވެހިކަލް ދުއްވާ މީހުން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެ އެއްވުމުގައި ބައިވެރިވި ރެސްޓޯރަންޓް އެސޯސިއޭޝަންގެ މެމްބަރަކު ނަންނުޖަހާ ގޮތަށް "މިހާރު" އަށް ބުނީ އެ އެސޯސިއޭޝަނުން އިއްޔެ އެޗްޕީއޭގެ ދެ ބޭފުޅަކާ ބައްދަލުކުރި ކަމަށެވެ. އަދި އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް ބުންޏެވެ.

ކެފޭ/ރެސްޓޯރަންޓުތަކުގެ މީހުން އެޗްއީއޯސީ ކުރިމަތީ މިއަދު މުޒާހަރާކުރަނީ -- ފޮޓޯ: މިހާރު

"އެ މީހުން ބުނި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާ ދޭތެރޭ ވިސްނާނަމޭ. އެކަމަކު ދެން ރޭގައި އެ އިއުލާން ކުރީ، ރޭގަނޑު 8:00 ގެ ފަހުން ވެހިކަލް ނުދުއްވޭނެ ކަމަށް،" އެ މީހާ ބުންޏެވެ.

ރޭގަނޑު 8:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާ ކުރި ނަމަވެސް 9:30 އާ ހަމައަށް ކެފޭ/ރެސްޓޯރަންޓުތަކުގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ. ނަމަވެސް ވެހިކަލް ނުދުއްވޭނެތީ ޑެލިވަރީ ނުކުރެވުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މުޒާހަރާކުރި 30 ވަރަކަށް މީހުން އެދެމުން ދިޔައީ، ރޭގަނޑު 11:00 އާ ހަމައަށް ޑެލިވަރީ ކުރެވޭނެ ގޮތް ހަމަޖައްސައިދޭށެވެ. މިހާރު އޮތް ގޮތުން ދެކޮޅު ޖެހޭނެ ގޮތަކަށް ވިޔަފާރި ނުހިންގޭނެ ކަމަށް އެ މީހުން ބުނެ އެވެ.

"ހަރަދު ނުލާހިކު ބޮޑު، ތަންތަނުގެ ކުއްޔަށާއި މީހުންގެ މުސާރައަށް. މިގޮތަށް ދަތިކުރުމުން އުނދަގޫ ހިންގަން،" "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ވެސް ކެފޭތަކުންނާއި ރެސްޓޯރަންޓުތަކުން، އެ ދުވަސްވަރު އޮތް އުސޫލުތަކާ އެއްގޮޮތަށް ޑެލިވަރީކުރި އެވެ. އަދި ފަހުން ލޮކްޑައުން ލުއި ކުރުމުން ރެސްޓޯރަންޓްތައް ހިންގަމުން އައީ އެޗްޕީއޭގެ އުސޫލްތަކާ އެއްގޮތަށް، ކަމަށް އެ މީހާ ބުންޏެވެ.

ދަރުބާރުގޭ ކުރިމަތީ މުޒާހަރާކުރަނިކޮށް ފުލުހުން ވަނީ މުޒާަހަރާގެ ބައިވެރިން ބުރުޒުމަގާ ހަމަ އަށް ފަހަތަށް ޖައްސައިފަ އެވެ. ދެން މުޒާހަރާ ކުރިއަށް ގެންދިޔައީ އެ ހިސާބުގައި ތިބެގެންނެވެ.

އެޗްޕީއޭގެ އެއްވެސް މީހަކާ ބައްދަލުނުވުމުން 2:00 ހާއިރު އެއްވުން ނިންމާލަމުން އެ މީހުން ބުނީ މާދަމާ ވެސް އެ ސަރަހައްދަށް އެއްވާނެ ކަމަށެވެ. މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެން ދެން އެއްވަމުން ގެންދާނެ ކަމަށް އެ މީހުން ބުންޏެވެ.

ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު ލުއި ދޭން ފެށުމުން ކޮވިޑް-19 ފެތުރޭ ވަރު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ. މިހާތަނަށް 6،660 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 26 މީހަކު ވަނީ މަރުވެފަ އެވެ.