ވެހިކަލް ދުއްވުން މަނާކުރީ ޒުވާނުންގެ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ

ރޭގަނޑު 8:00 ން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކުރީ، އެ ބަލި އެންމެ ބޮޑަށް ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީގެ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާ ވެސް ބޮޑަކަށް ހުއްޓުވަން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑް- 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ، މިރޭ 8 ން ފެށިގެން އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ. އެކަމަކު ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 10 އިން ފަތިހު 5 އަށެވެ.

ފުލުހުން ބުނިގޮތުގައި ރޭގަނޑު 8 ން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ އެވެ. ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކުރާނެ ކަމަށާއި އެ ވެހިކަލެއް ދޫކުރާނީ ކަނޑައަޅާފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭގެ އެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާކޮށްފައި ވެ އެވެ. އެއް ބަޔަކު ރޭގަނޑު 8 ގެ ފަހުން އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އިތުރަށް އިނދަޖެހި އާއްމުންގެ އެތައް ބަޔަކަށް ތަކުލީފަކަށް ވެގެންދާނެ ކަމަށެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ކޮންމެ ހަފުތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާ އެންމެ އެކަށީގެންވާ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލުކުރާނެ ކަމަށެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރާނެ ފިޔަވަޅުތަކެއް ކަމަށާއި ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލާނެ ކަމަށް ވެސް ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި އެޑްމިޓުކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައިވާތީ އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ބޭފުޅުން ވެސް ބަލި ފެތުރުން މަޑު ޖެއްސުމަށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުން،" ޓްވީޓުގައި ވެ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނައިން ބަލި ޖެހިފައިވަނީ 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 1،716 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ވެސް ބޮޑު ބަޔަކީ މަސައްކަތެއް ނެތިފައި ތިބި ޒުވާނުންނެވެ.

ރާއްޖެއިން މިހާތަނަށް 6،660 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 26 މީހުން ވަނީ މަރުވެފަ އެވެ. ބަލިން 4،148 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،486 މީހުންނަށެވެ.