ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގައި އިއްޔެ ރޭ އަލިފާން ރޯވީ، ބަޔަކު ގަސްދުގައި ކުރި ކަމަކުން ކަމަށް އެ ތަނުގެ ވެރިޔާ ތުހުމަތު ކޮށްފި އެވެ.
އިއްޔެ ރޭ 9:40 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ވަނީ ދެ ބުރިއަށް ހަދާފައި ހުރި އެ ކެފޭ އެއްކޮށް އަނދައި ހުލިވެފަ އެވެ. ކެފޭއާ އިންވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރިއާ ހަމައަށް އަލިފާން ފޯރައި، އެ ތަނުގައި ހަދާފައި ހުރި ޕެންޓް ހައުސްގައި ވެސް ރޯވެ ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ނަގާފައިވާ ފަސް ފްލޯ އާއި އުރީދޫގެ އޮފީހެއް ވެސް ހިންގާ އެ އިމާރާތުގެ އެންމެ މައްޗާ ހަމައަށް އަލިފާން ފޯރީ، އިމާރާތުގެ ބޭރުގައި ޖަހާފައިވާ ކްލެޑިންގައި އަލިފާން ހިފުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. މި ހާދިސާގައި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ އެހެން ފްލޯތަކަށް ވެސް އަލިފާންގަނޑު ވަދެ، ވަނީ ގެއްލުން ވެފަ އެވެ.
ޓިއޮލޯ ކެފޭގެ ވެރިޔާ ހަސަން ދީދީ ބުނީ، އަލިފާން ރޯވީ ފުރަތަމަ ބުރީގައި ކަމަށާއި އެ ތަނުގައި އަލިފާން ހިފާނެ ޒާތުގެ އެއްޗެއް ނެތުމުން ބެލެވެނީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ.
އަލިފާން ރޯވިއިރު، ކެފޭ ވަނީ ބަންދުކޮށް، އެތެރެއިން ތަޅުލައިފަ އެވެ. އެތެރޭގައި އެ ވަގުތު ހުރީ ކޮންމެ ރެއަކު ވެސް ޑިއުޓީ އަށް ހުންނަ ބިދޭސީ މުވައްޒަފު އެކަންޏެވެ.
"'[ބަޔަކު] ގަސްދުގައި ކުރި ކަމެއް ކަމަށް ބޮޑަށް ލަފާކުރެވެނީ،" ޓިއޯލޯ ކެފޭ ހިންގާތާ 5-6 އަހަރު ވެފައިވާ ހަސަން ބުންޏެވެ.
ކެފޭގެ 90 ޕަސެންޓު ހަދާފައި ވަނީ ފިލައިންނެވެ. އެންމެ މަތީގައި ޖަހާފައި ވަނީ ޓިނެވެ. އެ ތަން ހުރީ އިންޝުއާ ވެސް ނުކޮށެވެ.
ހަސަން "މިހާރު" އަށް ބުނީ ކޮންމެ ރެއަކު ވެސް ކެފޭ ބަންދު ކުރުމުން އެ ތަނުގެ ތެރޭގައި އެއް މުވައްޒަފަކު މަޑުކުރާ ކަމަށެވެ. ކެފޭގެ ފުރަތަމަ ބުރީގައި ރޯވެގެން އުޅޭކަން ވެސް އެ މުވައްޒަފަށް އެނގުނީ، ގްރައުންޑް ފްލޯގައި ހުންނަ ބަދިގޭގައި ކާން ހުއްޓައި ބޭރުން ގޮސް ބަޔަކު ދޮރުގައި ތަޅައި އެކަން އެންގުމުން ކަަމަށް ހަސަން ބުނެ އެވެ.
އޭރު އަލިފާން ހިފާފައި ހުރީ ފުރަތަމަ ބުރީގެ ޑެކްމަތީގަ އެވެ. އެކަމަކު އެ ތަނުގައި އަލިފާން ހިފާނެ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ހަސަން ބުންޏެވެ.
މި ހާދިސާގައި ލިބުނު ގެއްލުން 1.5 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އޭނާ ބުންޏެވެ.
"ބަދިގެ ނަމަ ބުނެވިދާނެ ގޭސް ލީކުވެގެންނޭ، ކަރަންޓު ޝޯޓެކޭ. މަތީގައި ނުހުންނާނެ ކަރަންޓު ހުރި އެއްވެސް އެއްޗެއް. ފަންކާ އާއި ލައިޓް ހުންނާނީ އޮފް ކޮށްފައި. ކަރަންޓު ޝޯޓުވާނެ އެއްވެސް ގޮތެއް ނުހުންނާނެ،" މުޅިއެކު 13 ބިދޭސީން މަސައްކަތް ކުރާ ކެފޭގެ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ހަސަން ބުންޏެވެ.
"އެހެންވެ، އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ ނެޗުރަލީ އޭތި [އަލިފާން ރޯވުން] ކްރިއޭޓް ކުރާނެ ކަމަކަށް. މީހަކު ގަސްދުގައި ކުރި ކަމެއް ވިއްޔާ އެ ވީ. އެކަމަކު ވެސް ކާކުތޯ ކުރާނީ؟."
ހަސަން ބުނިގޮތުގައި، ކެފޭގެ ކަރަންޓު ވައިރިން ބަދަލުކުރިތާ ވެސް ވާނީ ގާތްގަނޑަކަށް ދޮޅު އަހަރެވެ. ކަރަންޓުގެ ކަންކަން ވެސް ދިޔައީ ރަނގަޅަށް މޮނީޓަ ކުރަމުން ކަމަށް އޭނާ ބުންޏެވެ.
ކޮވިޑާ ގުޅިގެން، ހޯމް ކަރަންޓީނުގައި ހުރުމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކެފޭގެ ކަންތައްތައް ބަލަހައްޓަމުން އައީ ހަސަންގެ ބޭބެއެކެވެ. އެހެންވެ، ސީދާ ކެފޭ އަށް ނުދެވުނަސް، އެ ތަނުގައި ހުރި ތަކެއްޗާއެކު ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ހަސަން ލަފާކުރެ އެވެ.
"ބަދިގެ ނަމަ ބުނެވިދާނެ ގޭސް ލީކުވެގެންނޭ، ކަރަންޓު ޝޯޓެކޭ. މަތީގައި ނުހުންނާނެ ކަރަންޓު ހުރި އެއްވެސް އެއްޗެއް. ފަންކާ އާއި ލައިޓް ހުންނާނީ އޮފް ކޮށްފައި. ކަރަންޓު ޝޯޓުވާނެ އެއްވެސް ގޮތެއް ނުހުންނާނެ،" ކެފޭގެ ވެރިޔާ
އޭނާ ބުނީ 2،000 އަކަފޫޓުގެ ކެފޭގައި ރޯވީ ވިޔަފާރި ވެސް ވަރަށް ދަށްކޮށް ދިޔަ ދުވަސްވަރެއްގައި ކަމަށެވެ.
ހަސަން އަލުން ހުޅުވަން މަސައްކަތް ކުރަމުން އަންނަ އާ ކެފޭއަކަށް ބޭނުންވާ ބައެއް ސާމާނު ވެސް ޓިއޮލޯގައި ބަހައްޓާފައި ހުއްޓެވެ.
"މި ވަގުތު މި އިނީ ބުނަންޏާ ޒީރޯ ބެލެންސްގައި. ވަރަށް ޑައުންވެފައި މި އިނީ. އަދި ނޭނގޭ ދާންވާ މިސްރާބެއް،" ހަސަން ބުންޏެވެ.
މި އަލިފާނުގެ ހާދިސާ ކަމާގުޅޭ އިދާރާތަކުން ތަހުގީގު ކުރަމުން އަންނައިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.