އަލިފާނުގައި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަަށް ބޮޑެތި ގެއްލުންތަކެއް

މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަ"ށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން މިއަދު ބުނެފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު އެއް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސްގެ އޮފީސް ވެސް ހުންނަ މި ބޮޑު އިމާރާތުގައި އަލިފާން ރޯވީ، އެތަނާ ޖެހިގެން ހުރި ދެ ބުރިއަށް ހަދާފައިވާ ކެފޭއެއް ކަމަށް ވާ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ، ގިނައިރުތަކެއް ވުމުންނެވެ.

އާޓިފިޝަލް ބީޗާ ދިމާލުގައި ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިން ހަދާފައި ވަނީ ހ. ސަންލީޓްގަ އެވެ. އެއީ ގިނަ ރިސޯޓްތަކެއް ހިންގާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ އެއް އާކިޓެކްޓް އަހުމަދު ސަލީމް (ގަދަގޭ ސަލީމް)ގެ ބައްޕަގެ ހަނދާނުގައި ނަން ދީފައިވާ އިމާރާތެކެވެ.

ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، އެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުން ކަމަށް، ބައެއް މީހުން ލަފާކުރެ އެވެ.

މި ހާދިސާގައި ކެފޭ ތިއޯލޯ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

ގަދަގޭ މުހައްމަދުފުޅު އިމާރާތް ހުރި ސަރަހައްދު ބަންދުކޮށްފައި.-- ފޮޓޯ: މިހާރު

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގެ ފަސް ބުރި ނަގާފައި ވަނީ އެސްބީއައިއަށެވެ. އެ ހުރިހާ ތަނަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް، އެސްބީއައި އިން ބުނެ އެވެ. އެކަމަކު އެ ބޭންކުން ބުނީ މާދަމާ ވެސް ހިދުމަތަށް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެސްބީއައިގެ ކަސްޓަމަރުންނާ ގުޅޭ އޮފީސްތައް ހިންގަނީ އެންމެ ތިރި އާއި ދެވަނަ އަދި ތިން ވަނަ ބުރީގަ އެވެ.

އިމާރާތުގައި ދިރިއުޅެނީ 10 ވަނަ ބުރީގައި ހަދާފައިވާ ޕެންޓް ހައުސްގައި، އިމާރާތުގެ ވެރިފަރާތުގެ އާއިލާ އެވެ. އެކަމަކު މިވަގުތު އެ އާއިލާ ތިބީ ރާއްޖެއިން ބޭރުގަ އެވެ.

އަލިފާންގަނޑު އެންމެ ބޮޑަށް ހިފީ ވެސް، މަންޒަރުތަކުން ފެންނަ ގޮތުގައި، ޕެންޓް ހައުސްގެ ބައިތަކުގަ އެވެ. އެކަމަކު ފަހުން ގާތްގަނޑަކަށް ހުރިހާ ބުރިއަކަށް ވެސް ގެއްލުންތައް ލިބުނެވެ. އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިިންތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. އަދި ގިނަ ބިއްލޫރި ދޮރުތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ގަދަގޭ މުހައްމަދުފުޅު ބިލްޑިން އިމާރާތަށް ލިބިފައި ހުރި ގެއްލުންތައް.-- ފޮޓޯ: މިހާރު

އެނގިފައިވާ ގޮތުގައި އެ އިމާރާތް ހުރީ އިންޝުއަކޮށްފަ އެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އަލިފާން ފުރަތަމަ ރޯވި ކެފޭގެ ވެރިޔަކާ ގުޅޭ ގޮތެއް ވެސް އަދި ނުވެ އެވެ.