އިދިކޮޅު އެއްވުމުގައި އިސްކޮށް ހުންނެވި ޝުޖާއު ފުލުސް އޮފީހަށް ހާޒިރުކުރަނީ

މާސްކު ނާޅައި، ގައިދުރުކުރުމުގެ އުސޫލުތަކާ ޚިލާފަށް ޕީޕީއެމާއި ޕީއެންސީން އިއްޔެ ބޭއްވި މުޒާހަރާގައި ހަރަކާތްތެރިވެވަޑައިގެންނެވި މައްސަލައިގައި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން މިރޭ އަންގައިފި އެވެ.


"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމުގައި، މާލޭގެ މަގުތަކަށް އެއްވެ އުޅުނު ބައެއް މީހުން ތިބީ މާސްކު ނާޅަ އެވެ. ޚާއްސަކޮށް ސައިކަލްބުރުގައި ގައިދުރުކުރުމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައިވާ ތަނެއް ނުފެނެ އެވެ.

މާލެ ސަރަހައްދުގައި، ހަލުވި ކަމާ އެކު ކޮވިޑް-19 ފެތުރެމުންދާއިރު، މާސްކު ނާޅައި ބޭރަށް ނުކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ނަަވެސް އިދިކޮޅުގެ އިއްޔެގެ ހަރަކާތް ބޭއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފަށް ކަމަަށާއި އެހެންވެ މައްސަލަ ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މި މައްސަލަތަކާ ގުޅިގެން، އެ ހަރަކާތް ރޭވުމުގައި އިސްކޮށް ހުންނެވި، ޝުޖާއު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ރޭ 7:00 އަށެވެ. ޝުޖާއު އަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން މައްސަލައަކީ، އިދިކޮޅު ހަރަކާތްތަކުގައި އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، އެއްވެ އުޅުމުގެ ގާނޫނާއި ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތެއްގައި އެއްވެ އުޅެން ނުވާނެ ގޮތަކަށް އެއްވެ އުޅުމުގެ ހަރަކާތްތައް ކުރިއަށް ބޭއްވުމެވެ.

އެ އެއްވުމުގެ ސަބަބުން އާންމުންނަށާއި މަގުތަކުގައި ދުއްވާ އުޅޭ މީހުންނަށާއި ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވެ އުޅޭ މީހުން ސިއްހީ ނުރައްކަލަކަށް ހުށަހެޅޭނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް އިއްޔެ އެ މުޒާހަރާ ކުރި އެވެ. މާސްކު ނާޅައި މުޒާހަރާ ކުރި މައްސަލަ ބަލަން ފެށުމުން ގައުމު ދިފާއުކުރުމުގައި ދެމި ހުންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނަވާ އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.

މާސްކު ނާޅައި މާލޭގެ މަގުތަކުގައި އުޅޭ މީހުން ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.