ވަހީދު ޕޮލިހަށް ހާޒިރުކުރުމުން ފާޑުވިދާޅުވީ ރައީސަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމާ ގުޅިގެން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.


ވަހީދު މިއަދު ހަވީރު 4:00 ގައި ޕޮލިހަށް ހާޒިރުކުރީ އިދިކޮޅުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި މާސްކް ނާޅުއްވައި ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، މާލޭގައި ބޭރުގައި އުޅޭއިރު މާސްކް އެޅުމަކީ މިހާރު މަޖުބޫރު ކަމެކެވެ.

ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ފުލުހުންގެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ އެ ދުވަހުގެ އެއްވުމުގައި އެ މަނިކުފާނު ވާހަކަ ދެއްކެވިލެއް ބާރުކަމުން ބައެއްގެ ހިތްތަކަށް ބިރުވެރިކަން އުފެދިދާނެތީ ވެސް ސުވާލު ކުރެއްވި ކަމަށެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ދެންނެވި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއިން ނުކުންނަވައި ނޫސްވެރިންނާ ވަހީދު ވާހަކަ ދައްކަވަނީ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާސްކާ ނާޅުއްވައި ހުންނެވުމާ ގުޅޭގޮތުން ވަހީދު ވިދާޅުވީ އެޗްޕީއޭ އާއި ޑަބްލިޔުއެޗްއޯއިން ނާންގަނީސް އެމަނިކުފާން މާސްކް އަޅުއްވަން ފެއްޓެވި ކަމަށެވެ. އެ ދުވަހުގެ އެއްވުމުގައި މާސްކް ނެންގެވީ ވާހަކަ ދައްކަވަން ވެގެން އެހެން މީހުންނާ ދުރުގައި ހުންނަވާފައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"ވާހަކަ ދެއްކިއިރު އަޅުގަނޑު ހުރީ އިމާރާތުގެ އެތެރޭގައި. އިމާރާތުގެ އިމުގެ ތެރޭގައި. އަޅުގަނޑަށް އެނގިގެން ތިން ފޫޓް ކައިރީގައި މީހަކު ނެތް. ދެން އެވަގުތު އަޅުގަނޑު ވާހަކަ ދައްކަން ފަސޭހައަކަށްޓަކައި އަޅުގަނޑު މާސްކް ތިރިކޮށްލީ،" އިދިކޮޅު ލީޑާޝިޕާއެކު ހުންނަވައި ވަހީދު ވިދާޅުވި އެވެ.

"އެކަމާ އަޅުގަނޑާ ސުވާލު ކުރައްވާ ކުރެއްވުމަކީ އަޅުގަނޑު ދަންނަވާނީ ސިޔާސީ ކަމެކޭ. އަޅުގަނޑަކީ ވެސް ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި މީހެއް. ދުވަހަކު ވެސް ސިޔާސީ ބޭނުމަކަށްޓަކައި ފުލުހުން ބޭނުންކޮށްފައެއް ނޯންނާނެ."

ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ މިފަހުން ފޮތެއް ނެރުއްވައި އެ ފޮތުގައި ސޮއި ކުރައްވަން އިންނެވީ މާސްކް ނާޅުއްވައި ކަމަށެވެ. އަދި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމަށް އެއާޕޯޓުގައި ވެސް އެތައް ބަޔަކު ގޮވައިގެން ނަޝީދު އުޅުއްވީ މާސްކް ނާޅުއްވައި ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެމަނިކުފާން ނުގެނެސް އަޅުގަނޑު ގެނައީމާ އޭގެން ދޭހަވަނީ އެންމެ ކަމެއް. އެއީ އަޅުގަނޑު މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރީމައޭ. އެހެން ނޫނީ އަޅުގަނޑު ނުގެންދާނެ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ފުލުހުންގެ އިދާރާއަށް އެމަނިކުފާން ހާޒިރުކުރެއްވީ މީގެ 20 އަހަރު ކުރިން ކަމަށާއި އެ ދުވަހު ވެސް ހާޒިރު ކުރީ "ވާހަކަ ދައްކާތީ" ކަމަށެވެ. މިހާރު އަނެއްކާ ރާއްޖެ 20 އަހަރު ފަހަތަށް ދިޔައީތޯ ވަހީދު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން ޑިމޮކުރަސީއަށްޓަކައި ރާއްޖޭގައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީތޯ؟ މިސަރުކާރުން އަނެއްކާ ވެސް ހުދު މުހުތާރު ވެރިކަން ދިވެހި ރާއްޖެއަށް ގެނައީތޯ؟ އެހެންވީމައި ކަންކަން ނުކުރެވުނީމައި. ނާގާބިލް ވީމައި ދެން އެކަން ފޫބެއްދުމަށްޓަކައި ރައްޔިތުންގެ ނަޒަރު އެހެން ދިމާލަކަށް ގެންދިއުމަށްޓަކައި ކުރާ ކަންތައްތަކެއް،" ވަހީދު ވިދާޅުވި އެވެ.

މިއީ މުޒާހަރާ ކުރަން އެންމެ ރަނގަޅު ވަގުތުތޯ ސުވާލު ކުރުމުން ވަހީދު ވިދާޅުވީ ރައްޔިތުންގެ ހިތްތައް "ކެކިއެރީމައި" ރައްޔިތުން މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޮޑު ހޭދައެއްކޮށް އެކަން ކާމިޔާބު ނުވުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ބަޔަކު ތިބޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"އިހުތިޖާޖު ކުރުމަކީ ޑިމޮކްރަޓިކް ގައުމެއްގައި ކުރަން ވާނެ ކަމެއް. ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއް. ދިވެހި ރާއްޖޭގައި މި ދިމާވި ކޮވިޑްގެ ހާދިސާއާ ގުޅޭގޮތުން ސަރުކާރަކަށް މިކަން ކޮންޓްރޯލެއް ނުކުރެވުނު. ހުރިހާ ފައިސާތަކެއް ހަރަދުކޮށް ނިމުނުއިރުގައި ވެސް މިއޮތީ ކުރިއަށް ވުރެ ގޯސްވެފައި،" ވަހީދު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ފެނިގެން އެ ދިޔައީ ކުޑަކުޑަ މަންޒަރެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެއަށްވުރެއް މާބޮޑު މަންޒަރު ދައްކާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރޭ ވަނީ ވަހީދުގެ ނަންފުޅު ނުގެންނަވައި، އެކަމަކު އެ މަނިކުފާނަށް އަމާޒުކުރައްވާ ވެސް ފާޑުވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ސިޔާސީ ކަންކަން ކުރައްވާ ކަމަށެވެ. އެ މަނިކުފާން މިވަގުތު ހުންނެވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގައި ކަމުން ސަރުކާރު ޒިންމާދާރު ކުރުމުގެ ވާހަކަ ދައްކަވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ޕޮލިހަށް ހާޒިރު ކުރުމުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ހިމެނޭގޮތަށް ބައެއް ސަޕޯޓަރުން ވެސް ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރިއަށް އެއްވެފަ އެވެ. ފުލުހުން ވަނީ އެއްވި މީހުން އެމްއެމްއޭ ކަންމައްޗާ ހަމައަށް ދުރަށް ޖައްސައިފަ އެވެ.